ޚަބަރު ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: މަރުވި މީހުންގެ އަދަދު ބައިލައްކައަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ އާއި ސީރިއާއަށް މި މަހުގެ ކުރީކޮޅު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 50،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ދެ ޤައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation
Ads by WAMCO

ތުރުކީގައި އެކަނިވެސް ބިންހެލުމުގެ ސަބަބުން 44،218 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ހުކުރު ދުވަހު ބުނި އިރު، އެންމެ ފަހުން އިއުލާނުކުރި ސީރިއާގައި މަރުވި މީހުންގެ އަދަދަކީ 5،914އެވެ.

ތުރުކީގެ ދެކުނުއިރުމަތީ ސަރަހައްދާއި ސީރިޔާގެ އުތުރުގެ ސަރަހައްދަށް ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި ފުރަތަމަ ބިންހެލުމުގެ ބާރުމިނުގައި 7.7 މެގްނިޓިއުޑް ހުރިއިރު، އޭގެ ތަންކޮޅެއް ފަހުން އައި ދެވަނަ ބިންހެލުމުގެ ބާރުމިނުގައި ހުރީ 7.6 އެވެ. އޭގެ ފަހުން އެ ސަރަހައްދަށް 9،000 އަށް ވުރެ ގިނަ އާފްޓާ ޝޮކް އައިސްފައިވާ ކަމަށް އޭއެފްއޭޑީން ބުނެއެވެ.

ތުރުކީގެ ބިންހެލުމުގައި ގެއްލުން ލިބުނު 11 ޕްރޮވިންސްގައި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 240،000 ރެސްކިއު ވޯކަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް ފުރަތަމަ ވަނުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރިކަވަރީގެ މަސައްކަތް ތައް ކުރިއަށްދާ އިރު، މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ސަލާމަތްވި އެއްވެސް މީހަކު ސަލާމަތްކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ތުރުކީގެ ކާރިސާގެ ސަރަހައްދުން އެކަނިވެސް ގާތްގަނޑަކަށް 530،000 އެއްހާ މީހުން ހުސްކޮށްފައިވާއިރު، ތުރުކީ ސަރުކާރުން ބުނީ މިހައިތަނަށް 173،000 އިމާރާތް ވެއްޓިފައިވާ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށާއި، 1.9 މިލިއަނަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކުގައި ނުވަތަ ހޮޓާތަކާއި އާންމު ތަންތަނުގައި ހިމާޔަތް ހޯދާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!