ހެލްމެޓް އެޅުން ލާޒިމު ނޫންތަންތާނގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ބަލައިފާސް ކުރަނީ
ހެލްމެޓް އެޅުން ލާޒިމު ނޫން ތަންތާނގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ބަލައި ފާސް ކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވޮ ހެލްމެޓު އެޅުން ޤާނޫނޫތަކުން ލާޒިމުކޮށްފައިނުވާ ސަަރަހައްދުތަކުގައި ކާކުކަން ވަންހަނާ ކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަވެފައިވާކަމަށެވެ.
"އެހެންކަމުން ހެލްމެޓު އެޅުން ލާޒިމް ކުރާ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވަައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ." ފުލުހުން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ވެއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކިޔާ ތަނަކަށް ހެލްމެޓު އަޅައިގެން ތިބި ދެމީހަކު ވަދެ އެތަނަށް ގެއްލުންދީ ލޫޓުވައިލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ޝޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.
މާލޭގަައި މިހާރު ހިނގަމުން އަންނަ ސިލްސިލާ މާރާމާރީތަކާއި ގުޅޭ ގޮތުން ރޭ "ފީއެސްއެމް" ގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ "ޖޫސް ޓައިމް" އަށް ގެންލުން ދީފައިވަނީ އެއީ ގޭންގެއްގައި ހިމެނޭ މީހެއްގެ މަންމަ ހިންގާ ތަނަކަށް ވާތީކަމަށާއި އެ މައްސަލައިގައި ބޭނުންކުރި ސައިކަލު މިހާރު ހޯދައި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.