ޚަބަރު ސިޔާސީ

ރައީީސް ނަޝީދު ޤާސިމްގެ އެޑްވައިޒަރާ ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު, ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަޙްމަދާ ބައްދަލު ކުރައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ ނިމުނު ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންފަރެންސްގައި ވަނީީ އެ ޕާޓީ އިސްވެ އޮވެ، ކޯލިޝަނެއް ހެދުން ނުވަތަ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާށް ނެރެން ގޮވާލައި ކައުންސިލަށް ލަފާ އެރުވުމަށް ޤަރާރެއް ފާސްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު، ޤާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ވާހަކަ ވެސް ދައްކަވައިފައެވެ.

ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ތަރުހީބު ދޭ "ހަސަން ކުރުސީ"ގެ ޓްވިޓަރ އެކައުންޓުން ދަނީ ޤާސިމް، މި އަހަރުގެ ރިޔާސީ ރޭހަށް ނުކުންނަން ތާއީދުކޮށް، ޓްވީޓު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!