ދުނިޔެ

ވާނުއާޓޫއަށް ގުދުރަތީ ގިނަ ހާދިސާތަކެއް, ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕެސިފިކް ގައުމެއްކަމަށްވާ ވާނުއާޓޫއަށް ދެ ބިންހެލުމެއް އައިތާ ހަފްތާއެއްފަހުން ކެޓަގަރީ 4 ގެ ދެތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

Ads by Sosun Fihaara

ގުދުރަތީ މިހާދިސާތަކުގެ ސަބަބުން އެގައުމުގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ހުޅަނގު ދެކުނު ޕެސިފިކްގައި 13 ރަށެއްގެ މައްޗައް ފެތުރިފައިވާ ވާނުއާޓޫގެ ވެރިރަށް ޕޯޓް ވިލާއަށް މިދިޔަ ބުދަދުވަހު އެރި ތޫފާން "ޖޫޑީ"ގެ ސަބަބުން ކަރަންޓު ކެނޑި، ބައެއް ސަހަރައްދުތަކުން ވަނީ މީހުން ހުސްކުރަން މަޖުބޫރުވެފައެވެ.

ތޫފާން ޖޫޑީގެ ސަބަބުން އެ ގައުމުގެ މަގުތައް ސާފުކޮށް، ކަރަންޓް ލައިންތައް އަލުން މަރާމާތު ކުރަމުން ދަނިކޮށް، ހުކުރު ދުވަހުގެ ފަތިހު އައި ދެ ބިންހެލުމުގެ ސަބަބުން ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އަދި ތޫފާން ކެވިން ކައިރިވަމުން އަންނަ ވަރަކަށް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގުދުރަތީ ހާދިސާތައް ގިނަ ގިނައިން ކުރިމަތިވާ ވާނޫއާޓޫ އަށް ޖެހިޖެހިގެން ކުރިމަތިވާ މިހާދިސާތަކާއި ކުރިމަތިލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކެޓަގަރީ 4 ގެ ބާރުގަދަ ދެ ތޫފާނުގެ އަސަރު ވާނުއާޓޫގެ އެތައް ހާސް ބަޔަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވާނޫއާޓޫގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ބޮޑުވަޒީރު އިސްމާއީލް ކަލްސަކައު ވިދާޅުވީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އޮފިޝަލުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޔުނިސެފް ޕެސިފިކް އިން ބުނީ ދެ ތޫފާނެއްގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވާ ކަމަށާއި އާއިލާތަކުގެ ޒަރޫރީ ބޭނުންތަކަށް އިޖާބަ ދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އދ.ގެ އެޖެންސީން ބުނީ ކާރިސާތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ފިޖީއިން ވާނުއާޓޫއަށް އިމަޖެންސީ ސާމާނު ފޮނުވަމުން އަންނަ ކަމަށެވެ.

  1. އަހުމަދު

    ހުުޅަނގުު ދެކުނުު ޕެސިފިކްް؟