އޭޝިއާ ދުނިޔެ

ޗައިނާއިން ތައްޔާރުކުރި ކޮވިޑް ކަރަންޓީން ފެސިލިޓީތައް، ހިތަށް ނުގެނެވޭހާ ބޮޑެތި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔެ ސިއްސުވާލި ކޮވިޑް-19 ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ޗައިނާއިން ގެންގުޅުނު ހަރުކަށި "ޒީރޯ-ކޮވިޑް" ސިޔާސަތުތަކުގެ ސަބަބުން އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔައެވެ. އެހެންނަމަމަވެސް އޭރު އެގައުމުގައި އިމާރާތްކޮށްފައިވާ ކޮވިޑް ކަރަންޓީން ފެސިލިޓީތަކުގެ ބޮޑު މިނާއި ގިނަކަން ދައްކައިދޭ ފޮޓޯތަކެއް އަލްޖަޒީރާއިން މިވަނީ އާއްމުކޮށްފައެވެ.

Ads by Sosun Fihaara

މިފޮޓޯތަކުން ފެންނަގޮތުގައި ހަރުކަށި "ޒީރޯ-ކޮވިޑް" ސިޔާސަތުތައް ކުއްލި ގޮތަކަށް އުވާލިތާ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ވެފައިވާއިރު، އެތައް ހާސް ބަޔަކު އެކަހެރި ކުރުމަށް ފަރުމާކޮށްފައިވާ ބޮޑެތި ކަރަންޓީން ފެސިލިޓީތައް އަދިވެސް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ނައްތާލާފައެއް ނުވެއެވެ.

ޗައިނާގެ ތިން ޕްރޮވިންސެއްގެ ހަދާފައިވާ ބޮޑެތި މާސިންގާ ކަރަންޓީން ފެސިލިޓީތައް އަދިވެސް އެހުރި ގޮތަށް ފެންނަން ހުރި އިރު އެ ތަންތަނުގެ އޮނިގަނޑަށް އެއްވެސް ބަދަލެއްއައިސްފައެއްނުވެއެވެ. މި ފެސިލިޓީތައް ބޭނުންކޮށްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކްލޯސް ކޮންޓެކްޓުން އެކަހެރިކޮށް، ފަރުވާ ދިނުމަށެވެ. ޗައިނާގެ ކަރަންޓީން ފެސިލިޓީތަކަކީ ބެއިޖިންގެ "ޒީރޯ-ކޮވިޑް" ސިޔާސަތުގެ އިންސާނީ ޚަރަދު ރަމްޒުކޮށްދޭ ފެސިލިޓީތަކެއްކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން ވަނީ ކަރަންޓީން ފެސިލިޓީތައް އައިސީޔޫ ފަދަ ވަސީލަތްތައް ހުރި ހޮސްޕިޓަލްތަކަށް "އަޕްގްރޭޑް" ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

އެހެންނަމަވެސް ސަރުކާރުން ވަނީ މިފެސިލިޓީތައް ވަގުތީ ބޯހިޔާވަހިކަމުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމަށް މި ފެސިލިޓީތަކުގެ ބޭނުންކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!