ކޮތަޅު އަގުބޮޑު ކުރި މައްސަލަ މަޖިލީސް ބޮލަށް ކަނޑާނުލާ، ރައީސްގެ ގަރާރަކުންވެސް އެކަންވާނެ: މޮސްޓާ

ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުކުރި މައްސަލަ ހައްލު ކުރެވޭނީ މަޖިލީހުގެ މަސައްކަތް އަވަސްކޮށްގެން ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
މޮސްޓާ ވިދާޅުވީ އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިޔާ އައުޓް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގަރާރު ނެރެވުނުއިރު، ކޮތަޅު މައްސަލަވެސް ރައީސްގެ ގަރާރަކުން ހައްލު ކުރެވޭނެކަމަށެވެ.
"މަޖިލިސް ބޮލަށް ކަނޑާނުލާ. މަޖިލިހަކީ %100 ސަރުކާރުން ކޮންޓްރޯލް ކުރާތަނެއް. ރައްޔިތުންނަށް ހެވެއް އެދިގެން ކަމެއް ކޮށްދޭނެ އިހުލާސްތެރިކަން ހުރިނަމަ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވެސް ކަން ކުރާނެ. އިންޑިޔާ އައުޓް ހުއްޓުވުމަށް ގަރާރު ނެރެވުނު މިކަން ކުރަން ވީމަ ފަހަތަށް ނުޖެހޭ" މޮސްޓާ ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނިކޮށްފައި ވުމުން ކަމަށް އެންވަޔަރުމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މާއްދާ އުނިކޮށްފައި ވީ ނަމަވެސް އެ ބިލަކީ ކުނީގެ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ އެ ބިލު ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.