ފުޅާ ދާއިރާއެއްގައި މީހުން ޓްރެފިކް ކުރި ބަޔަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގ ނެޓްވޯކަކާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާކަމަށާއި އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުން ކަމަށެވެ.
މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.