މާލޭ ގެއެއްގެ ތެރޭގައި އަނިޔާކޮށް، ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށްފި

މާލޭ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބިކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ މިއަދު އެވެ. އެމައުލޫމާތާއި ގުޅިގެން މިއަދު ފުލުހުން އެގެއަށް ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ.
ރަހީނުކޮށްފައި ތިބީ ތިން މީހުން ކަމަށާއި އެމީހުން މިހާރު ވަނީ ސަލާމަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
"ރަހީނު ކޮށްފައި ތިބި ދިވެހި ތިން ފިރިހެނުން ވަނީ ސަލާމަތްކޮށްފައި" ފުލުހުން ބުންޏެވެ.
ރަހީނުކޮށްފައި ތިބި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ކޮށްފަ އެވެ. ފުލުހުން ބުނީ އެމީހުން ޑޮކްޓަރަށް ދެއްކުމަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިމައްސަލައާއި ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.
މައްސަލައާއި ގުޅިގެން ބަލަންޖެހޭ އެހެނިހެން ކަންކަން މިހާރު ފުލުހުން ބަލަމުން ގެންދާކަމަށް ބުންޏެވެ.