އަނެއްކާވެސް ކުށްވެރިންގެ ފައިގައި ޓެގު އަޅުވަން ފަށައިފި
ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތްތައް ބެލުމަށްޓަކައި ކުށްވެރިންގެ ފައިގައި އަނެއްކާވެސް ޓެގު އަޅުވަން ފަށައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެކިބާގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށައިފައިވާކަމަށެވެ. އަދި ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާ ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންކަމަށް ވިޔަސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެގު އަޅުވާފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު)ގެ ފައިގައިއެވެ.