ޚަބަރު ސަރުކާރު

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއެމްސީގެ އިންތިހާބެއް ކުރިއަށް ދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

Ads by MWSC

އެކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ މިހާރު މެމްބަރުންކަން ކުރައްވަމުން ގެންދަވާ މުހައްމަދު ޝާފިއުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 10 އަށް ހަމަވާތީ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ ދައުރެއްގެ މެމްބަރުކަން އަދައެއް ނުކުރެވެ އެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިމަހު 16 ގެ ކުރިން މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ޝަރުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި، ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި، އަބުރުވެރި އަހްލާގު ރަނގަޅު މީހަކަށް ވުމުގެ އިތުރުން ވޭތުވެ ދިޔަ 12 މަހުގެ ތެރޭގައި ނޫހެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައި ނުވުން ހިމެނެ އެވެ.

މީޑިއާ ކައުންސިލަކީ މައިގަނޑުގޮތެއްގައި ރާއްޖޭގައި ހިންގާ ނޫސްތަކާއި ނޫސްވެރިންނާއި ގުޅުންހުރި އެހެންވެސް އިދާރާތައް މޮނިޓާކޮށް ރެގިއުލޭޓު ކުރާ ކައުންސިލް އެވެ. އެކައުންސިލްގައި 13 މެމްބަރުން ތިއްބަވަ އެވެ. އެއީ މީޑިއާތަކުން އިންތިހާބު ކުރާ 7 މެމްބަރުންނާއި އާންމުންގެ ފަރާތުން 6 މެމްބަރުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!