ދުނިޔެ

ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށް ހައްގު: އުރުދުޣާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޔޫރަޕާއި ނޯތު އެމެރިކާގެ ގައުމުތައް އެކުލެވޭހެން އުފައްދާފައިވާ އިއްތިހާދު ނޭޓޯގެ މެމްބަރުކަން ޔޫކްރޭނަށް ހައްގުކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޮނިހިރު ދުވަހުގެ ފަތިހު އިސްތަންބޫލްގައި ޔޫކްރެއިންގެ ރައީސާއެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި އުރުދުޣާން ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކަށް ދެ ފަރާތުން އެނބުރި ދާން ޖެހޭ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ވިދާޅުވީ، ޔޫކްރެއިންގެ ނޭޓޯގެ މެންބަރުކަމަށް ތުރުކީން ތާއީދުކުރާ ކަމަށާއި ނަމަވެސް ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ 500 ދުވަސްވެފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް "ސުލްހައިގެ މަސައްކަތްތަކަށް އެނބުރި އައުމަށް" ގޮވާލައްވާ ކަމަށެވެ.

"އިންސާފުވެރި ސުލްހައަކުން ގެއްލުމެއް ނުލިބޭ،" ތުރުކީގެ ލީޑަރު ވިދާޅުވިއެވެ.

ލިތުއޭނިއާގެ ވިލްނިއަސްގައި އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓުގެ ކުރިން އުރުދުޣާން ދެއްވި އެއްބާރުލުމަށް ޒެލެންސްކީ ވަނީ އުރުދުޣާންއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ހަފުތާގައި ޒެލެންސްކީ ވަނީ ޗެކް ރިޕަބްލިކް، ސްލޮވާކިއާ އަދި ބަލްގޭރިއާއަށް ވަޑައިގެން، އަސްކަރީ އިއްތިހާދުން ޖުލައި 11-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓްގެ ކުރިން ޔޫކްރެއިންގެ ނޭޓޯގެ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ތާއީދު ހޯއްދަވާފަ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!