ގައުމުގައި އަދުލުވެރިކަމާ އިންސާފުވެރިކަން އޮތް މިންވަރު އަލީ ވަހީދުގެ މައްސަލައަށް އެކަނި ބަލާލުމުންވެސް ހާމަވޭ: އުޝާމް

ގައުމުގައި އަދުލުވެރިކަމާ އިންސާފުވެރިކަން އޮތް މިންވަރު އަލީ ވަހީދުގެ މައްސަލައަށް އެކަނި ބަލާލުމުންވެސް ހާމަވާ ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލި ވަހީދު މިއަދު ރާއްޖެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަދީނުގެ މައްސަލައާ ގުޅޭގޮތުން ކަރެކްޝަނުން ވިދާޅުވީ ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތްކަމަށެވެ.
މިކަމާއި ގުޅިގެން އުޝާމް ވިދާޅުވީ މިގައުމުގަ މިއަދު އަދުލުވެރިކަމާ އިންސާފުވެރިކަން އޮތް މިންވަރު މިމައްސަލައަށް އެކަނި ބަލާލުމުންވެސް ހާމަވާ ކަމަށެވެ. އަދި "ސަރުކާރުން ބޭނުންވީމަ ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގަ ހުރި މީހެއްނަމަވެސް ފޮނުވާލަނީ. ގެންނަން ބޭނުންވީމަ ކޮށްފައިވާ ހުކުމްތައް ސިއްރުސިއްރުން ބާތިލްކޮށްލަނީ" ކަމަށް އުޝާމް ވިދާޅުވިއެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި މިވަނީ ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން އިނގިރޭސި ވިލާތުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހުއެވެ.
މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާގެ މައްޗަށް ސުޕްރޯމް ކޯޓުން އިއްވި ހުކުމް މުރާޖައާ ކުރުމަށް އެ ކޯޓަށް ލިޔުއްވި ކަމަށެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން، އެ ހުކުމް ބާތިލު ކުރިކަން ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.