ޚަބަރު ސިޔާސީ

ރައީސް ޞާލިޙްއަކީ ހިންގުންތެރި، ޙިކްމަތްތެރި އަދި ކެތްތެރި ބޭފުޅެއް: ސިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސް ޞާލިޙްއަކީ ހިންގުންތެރި، ޙިކްމަތްތެރި އަދި ކެތްތެރި ބޭފުޅެއްކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރުގެ 5 އަހަރު ރައީސް ޞާލިޙް ނިންމާލީ އެންމެ ނައިބު ރައީސަކާ އެކު ކަމަށާއި، ރައީސް ޞާލިޙްއަކީ މުހިންމު މިނިސްޓްރީތަކުގެ މިނިސްޓަރުންވެސް ބަދަލުކުރެއްވި ބޭފުޅެއް ނޫންކަމަށެވެ.

އަދި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެންނަ ކަމަށާއި މުޅި ގައުމު ހަމަޖެހި، މި ދައުރުގައި ފަތުރުވެރިން ރާއްޖެއައި މިންވަރު ރިކޯޑް އަދަދަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ޢާއިލާތަކަށް އުފާވެރިކަން ލިބިފައިވާކަމަށާއި، މިހުރިހާ ކަމެއް މިހެން ހުރުމުން ދޭހަވެގެންދަނީ ރައީސް ޞާލިޙްއަކީ ހިންގުންތެރިކަމާއެކު މަސައްކަތްކުރައްވާ ކެތްތެރި އަދި ޙިކްމަތްތެރި ބޭފުޅެއްކަމެވެ.

ރައީސް ޞާލިޙްގެ ކެމްޕޭން ދަތުރުފުޅުތަކުގައި އެމްޑީއޭގެ އިސް ބޭފުޅުންނާއިއެކު ސިޔާމްވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކ. މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ މީގެ ކުރިން އެމްޑީޕީގެ ތެރޭ ތިއްބެވި ބައެއް ވެރިން އެކި ގައުމުތަކަށް ގޮސް ދީނީ އަގީދާއާ ޚިލާފު ވާހަކަތައް ދައްކަމުން އައި އައުން، މިއަދު އެ ޕާޓީން ހުއްޓުވާފައިވާތީއާއި އެޕާޓީގެ ތެރޭގައި އޮތް ލާދީނީ ފިކުރު މިހާރު ނެތި ގޮސްފައިވާތީކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!