ގދ. ތިނަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި
ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެރޭ 19:00 އެހާކަންހާއިރުއެވެ.
މިމައްސަލާއާ ގުޅުން ހުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާއާއި 18 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.
ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުގެރޭ އޭނާގެ ގެކައިރީ ހުރި ޕާކިންގ ޒޯންގައި ހުއްޓާ އެރަށު ހުޅަނގު ފަރާތު އަތިރި މައްޗަށް ސައިކަލު ގެންގޮސްގެންނެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުގެ ހެނދުނު 08:55 އެހާކަންހާއިރުއެވެ.
ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.