ހަށިވިއްކަމުން ދިޔަތަނެއް ރެއިޑްކޮށް ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަތަނެއް ރެއިޑްކޮށް 5 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިމީހުން ހައްޔަރުކޮށްފައި ވަނީ އަލޮރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިޖުލައި މަހުގެ 20 ވަނަ ދުވަހުގެރޭ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްއާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައެވެ.
"މި އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ އަދި 39 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވޭ. އޭގެތެރެއިން ބައެއް މީހުންހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބާ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މިމައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި 21 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް, 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ޖަހައިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.