ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.
ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ އިލްޔާސް ލަބީބުއެވެ.
ފޯމު ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނަކީ އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވާދަކުރެއްވުމަށް ނިންމާފައެެވެ.