ދުނިޔެ

ކިޑްނީއެއްގެ ހަދިޔާ ގަބޫލު ކުރުމަށް ދެކޮޅު ހެދުމުން އާދޭސް ކޮށްގެން ވެސް ކިޑްނީ ހަދިޔާކުރި މީހެއްގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

އިނގެރޭސި މުހާވަރާއެއްގައި ވެއެވެ. ''a friend in need is a friend indeed''. ނުވަތަ ދަތި އުނދަގޫ ހާލަތެއްގައި އެހީތެރިވެދޭ ރަޙުމަތްތެރިއަކީ ހަގީގީ،އިޚްލާޞްތެރި ރަޙުމަތްތެރިއެކެވެ.

Ads by WAMCO

މިކަމުގެ މިސާލެއް ދާދި ފަހުން ސައުދީ އަރަބިއްޔާއިން ވަނީ ފެނިގެން ގޮސްފައެވެ. ޖަޒަން ސިޓީގެ އަލްރުކުބާ އެލެމެންޓަރީ ސުކޫލްގެ މުދައްރިސެއް ކަމަށްވާ 48 އަހަރުގެ ހަސަން މުޙައްމަދު މަޖްރަބީ ވަނީ އޭނާ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރި ދުވަސްވަރުގެ ރަޙުމަތްތެރިއެއް ކަމަށްވާ އަލީގެ ދަރިއަކަށް ކިޑްނީ ހަދިޔާކޮށް އިންސާނިއްޔަތަށް ނަމޫނާ ދައްކާފައެވެ.

ސައުދީގެ މީޑިއާތަކުން ވަނީ މަޖުރަބީގެ މިވާހަކަތައް ގެނެސްދީފައެވެ.

މަޖުރަބީ ބުނީ އޭނާއާއި އަލީ އަކީ ޔުނިވަރސިޓީ ދުވަސްވަރުން ފެށިގެން ރަޙުމަތްތެރިން ކަމަށާއި އަލީ އަދި އޭނާގެ ދެކުދިންނަށް ކިޑްނީގެ މައްސަލަ ދިމާވެފައިވާކަން އެނގުމުން އެބަލީގައި ރަހުމަތްތެރިޔާގެ އާއިލާ އުފުލާ ތަކްލީފު ދެކެން ނުހުރުވުނު ކަމަށެވެ. އެހެންވެ ކިޑްނީ ހަދިޔާކުރަން ނިންމީ ކަމަށް މަޖުރަބީ ބުނެފައިވެއެވެ.

''އަހަރެންގެ ނިންމުން ރަޙުމަތްތެރިޔާއާއި ހިއްސާކުރުމުން އޭނާ އެކަމާ ދެކޮޅު ހެދި ، އަހަރެން ތަކުރާރުކޮށް އެދުނިން (އަހަރެންގެ ހަދިޔާ ގަބޫލުކުރުމަށް) އަދި އަހަރެން އޭނާއަށް ޔަގީންކޮށް ދިނިން މިއީ ﷲގެ މަގުގައި ، މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ކުރާ ކަމެއް ކަމަށް'' މަޖުރަބީ ބުނެފައިވެއެވެ.

މަޖުރަބީގެ މި އަމަލާ ގުޅޭ ގޮތުން އޭނާ ބުނެފައިވަނީ އިސްލާމްދީން އަހަރެމެންނަށް ގޮވާލާފައިވަނީ ހުރިހާ މުސްލިމުންވެސް އެއް ހަށިގަނޑެއްގެ ގޮތުގައި ވުމަށް ކަމަށާއި މުއުމިނުންނަކީ އެއްބައި އަނެއްބައިގެ މައްޗަށް ގަދަވެ ހުންނަ އިމާރާތެއް ކަމަށް އަހަރެމެންގެ ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށެވެ. (މިހުރިހާ ކަމަކާއެކު) މިކަމުގެ ޘަވާބު ﷲގެ ޙަޟްރަތުން އެދޭ ކަމަށް މަޖުރަބީ ބުނެފައިވެއެވެ.

މަޖުރަބީ ބުނީ ކިޑްނީ ދޭން ނިންމާ އެކަން އެންގީ އޭނާގެ މަންމައަށާއި އަންހެނުންނަށާއި ތިން ބޭބެއިންނަށް ކަމަށެވެ. އަދި ކިޑްނީ ހަދިޔާ ކުރުމުގެ ހުރިހާ ކަމެއް ކާމިޔާބު ކަމާއެކު ނިންމާލެވުމުން މަޖުރަބީއަށް ކުރެވުނު އިހްސާސްތައް އޭނާ ވަނީ ހިއްސާކޮށްފައެވެ.

މަޖުރަބީ ، އޭނާގެ އެކުވެރި އަލީގެ ދަރިފުޅާއެކު

''ރަހުމަތްތެރިޔާގެ ދަރިފުޅުގެ ހާލަތު ރަނގަޅުކަން އެނގުމުން ވަރަށް އުފާވި ، ބަޔާންކޮށްދޭން ވެސް ނޭނގެ އަހަންނަށް އެވަގުތު ކުރެވުނު އިހްސާސްތައް'' މަޖުރަބީ ބުނެފައިވެއެވެ.

ރަސޫލުﷲ (ސއވ) ހަދީޘް ކުރައްވާފައިވެއެވެ. ''މީހަކަށް ޖެހިފައިވާ ދަތި އުނދަގުލެއް ފިލުވައިދިން މީހަކަށް ޤިޔާމަތް ދުވަހުގައި، ﷲ ތަޢާލާ ދަތިކަމެއް ފިލުއްވާދެއްވާ ހުއްޓެވެ. އަދި ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިވެދިން މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ އެހީތެރިވެދެއްވުމުގައި ވޮޑިގެންވެއެވެ.''

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!