ވަޒީފާގެ ބިރު އުވާލާ، ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގައި ތިބި ފަރާތްތައް ދާއިމީ ކޮށްދޭނަން: އިލްޔާސް
ޑިމޮކްރެޓްސްގެ ސަރުކާރެއްގައި މިހާރު އޮތް ވަޒީފާގެ ބިރު އުވާލާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގައި ތިބި ފަރާތްތައް ދާއިމީ ކޮށްދޭނެ ކަމަށް މި ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި މިއަދު ގއ. ކޮލަމާފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އިލްޔާސް ވިދާޅުވީ މި ސަރުކާރުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި މިއީ ދިވެހިން ގެންނަން ބޭނުންވި މިނިވަންކަން ނޫން ކަމަށެވެ. އަދި، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެކުދިންނަށް [ކޮންޓްރެކްޓު ވަޒީފާގައި ތިބި ފަރާތްތަކަށް] ދަންނަވާލަން އޮތީ، ތިބޭފުޅުން ހިތްވަރު ކުރައްވާށޭ. ތިބޭފުޅުން ހިތްވަރު ކުރައްވާށޭ، އަޅުގަނޑުގެ، ޑިމޮކްރެޓުންގެ ސަރުކާރެއްގައި މިހާރު ކޮންޓްރެކްޓު ވަޒީފާއެއްގައި ތިބި ކުދިންވެސް އަދި ދެން ތިބި ކުދިންނަށްވެސް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ، އެ ކޮންޓްރެކްޓު ވަޒީފާގައި ތިބި ކުދިންގެ ވަޒީފާ ދާއިމީ ކޮށްދޭނީވެސް އަޅުގަނޑުމެން" އިލްޔާސް ވިދާޅުވިއެވެ.
އަދި، މިއަދު ވަޒީފާތަކުގައި ތިބި ޒުވާނުންނަކީ ގައުމުގެ ކުރިމަގު ކަމަށާއި ޑިމޮކްރެޓުން މި އަންނަނީ އެ ކުދިން ގޮވައިގެން ގައުމު ކުރިއެރުވުމަށް ކަމަށްވެސް ކެންޑިޑޭޓު ވިދާޅުވިއެވެ.
"އެ ކުދިންގެ މުސްތަގުބަލަކީ މި ރާއްޖޭގެ މުސްތަގުބަލު، އެ މީހުންގެ ވިސްނުން، ފިކުރު އެއީ އެމީހެއްގެ މިނިވަންކަމާ ގުޅިފަ އޮންނަ ކަންކަން، އަޅުވެތިކަމުން ނެއްޓެން ޖެހޭ، އެކަން ކުރުމަށް އަޅުގަނޑުމެން މި އަންނަނީ"
މީގެ އިތުރުން ކޮލަމާފުށްޓަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ އިލްޔާސް ވަނީ މީގެ އިއްޔެ ގެމަނަފުށީގައި ހުންނަވާ، ގައުމީ ޕެންޝަން ސްކީމުގައި މަސްވެރިން ހިމަނާ އެ ސްކީމުން އެހެން ފަރާތްތަކަށްވެސް ލިބޭ އިނާޔަތްތައް ލިބޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރައްވާފައެވެ.
ޑިމޮކްރެޓްސް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހުވަދޫ އަތޮޅަށް ފަތުރުވެރިން ގެނައުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި އޮތް ފްލައިޓު ޓިކެޓުގެ އަގު އަންނަ ޖެނުއަރީ މަހުން ފެށިގެން ފަތުރުވެރިންނަށް ހެޔޮކޮށްދީ ދިވެހިންނާއި އެއް އަގަކަށް ތިރިކުރާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވި އެވެ. އަދި، އެ ހުވަދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށްވެސް ކެންޑިޑޭޓު ވައުދުވެވަޑައިގަތެވެ.