ޚަބަރު ސިޔާސީ

ކުރިން އަޅުގަނޑު އެމްޑީޕީން ކަނޑާ ބޭރުކޮށްލީ ޕްރައިމަރީގައި ވާދަކުރާނަމޭ ބުނެވުނީމަ: ރީކޯ މޫސަ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެމްޑީޕީން ކުރިން ބޭރުކޮށްލީ 2018 ވަނަ އަހަރު އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވެވުމުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރީކޯ މިހެން ވިދާޅުވީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ (އެމްޓީޑީ) އޮފީސް ހުޅުވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ޕާޓީތަކުގެ ތެރޭގައި މިއޮންނަނީ ވަރަށް އެހެންކަހަލަ އުސޫލެއްކަމަށާއި ކޮންމެ ޕާޓީއަކަށްވެސް މީހަކު އައުމަށްފަހުގައި އެ ޕާޓީތެރޭގައި އެމީހަކު ތަންކޮޅެއް ބޮޑަށް، އޭގެތެރެއަށް ދިރިއްޖެނަމަ އެޕާޓީގެ ދެން ތިބޭ އެހެންމީހުން އަބަދުވެސް އެމީހަކަށް ކަޅިއަޅަމުންދާނެކަމަށް ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ރާއްޖޭގައި އެތައް ބައިވަރު ސިޔާސީ ޕާޓީތަކެއް އެބަހުރިކަމަށާއި، ކިތަންމެ ގިނަ ސިޔާސީ ޕާޓީތަކެއް ހުރިކަމުގައި ވިޔަސް ޕާޓީތަކަކީ ވަކި ބައެއްގެ މިލްކިއްޔާތެއްކަމުގަ ވެފަ އޮންނަކަން ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ، ރައްޔިތުންނާއި ނުވަތަ ޕާޓީތަގައި އުޅޭ އާންމު މެމްބަރުން އެމީހުންގެ ގުދާރު ބިންދައިގެންނާއި މަގުމައްޗަށް ނުކުމެގެން ޕާޓީގެ މުސްތަޤުބަލަށްޓަކައި މަސައްކަތްކުރިޔަސް އެތަން ނުފެންނަކަމަށާއި، ބައެއް ޕާޓީތަކުގެ ލީޑަރުން އެކަންކަން ބަލައިގަންނަނީ އެބޭފުޅުންގެ އަމިއްލަ މަސައްކަތެއްގެ ގޮތަށް ކަމަށެވެ.

އެހެންކަމުން އެމްޓީޑީގެ މެމްބަރުންނަށް އެގޮތަށް ކަންތައް ނުކުރެއްވުމަށް ރީކޯވަނީ ނަޞޭހަތްދެއްވާފައެވެ. އަދި އެއީ ޒުވާން އުމުރުގައި އޮތް ޕާޓީއެއްކަމަށާއި، އެމްޓީޑީއަކީ ޒުވާނުންނަށް ފުރުސަތުދޭ ޕާޓީއަކަށް ވެ، އަބަދު ޕާޓީގެ ވެރިންނަކީ ނުވަތަ ޕާޓީގެ ލީޑަރުންނަކީ ތާއަބަދު ދުނިޔޭގައި އުމުރަށް ތިބޭނެ ބައެއް ކަމަށް ނެހެއްދެވުމަށް ރީކޯ ވިދާޅުވިއެވެ.

ހަމައެއާއެކު، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ވަރަށް ތަފްޞީލުކޮށް ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ވޯޓު ލުމުގެ ހައްގުތަކާއި މިނޫންވެސް އެހެން ހައްގުތަކެއްގެ ވާހަކަ އޮންނާނެކަމަށާއި، މިއަދު މިދެކޭ ހުރިހާ ހައްޤުތައް ރައްޔިތުންނަށް ހޯދިގެން އައީ ވަރަށް ގިނަ ބަޔަކު ވަރަށް ބުރަ މަސައްކަތްކޮށްގެންކަމަށް ރީކޯ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ކިތަންމެ ނިކަމެތި މީހެއް ކަމުގައި ވިޔަސް، އެކަމުގައި ވަރަށް އަމަލީގޮތުން އުޅެވިފައި ހުރި މީހަކަށްވާތީ އަޅުގަނޑު މިރޭ އުފާވަނީ. މިފަދަ ޒުވާނުންގެ ކުރިމަތީގައި ހުއްޓި ހުރެ އަމިއްލަ ޒުވާންކަން އިހްސާސްކުރަނީ މީގެ 19 އަހަރު ކުރިއަށް، ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއްކަމުގައި ވެއްޖެ" ރީކޯ ވިދާޅުވިއެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ އުފައްދައި އޭގެ ވާދަވެރި ޕާޓީއެއްގެ ގޮތުގައި އުފެދިގެން ދިޔައީ  ޑީއާރްޕީކަމަށާއި، އެ ދެ ޕާޓީވެސް ފަހުން ބަދަލުވެގެންދިޔައީ މީހެއްގެ މިލއްކިއްޔާތަށްކަން ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ ސިޔާސީ ދަހިވެތިކަން އެންމެންގެވެސް ހުންނާނެކަމަށާއި އެބޭފުޅާވެސް އެމްޑީޕީން ވަކިކުރީ އެފަދަ ގޮތަކަށްކަމަށެވެ.

"އަޅުގަނޑު އެމްޑީޕީން ކަނޑާ ބޭރުކޮށްލަންޖެހުނީ އަަޅުގަނޑަށް ދެއްކުނު ވާހަކައެއްގެ ސަބަބުން، އާދެ އިންސާނުން ކިބައިގައި ސިޔާސީ ދަހިވެތިކަން ވެސް ހުންނާނެ، އަޅުގަނޑަކީވެސް ހަމަ އެކަހަލަ މީހެއް. ސިޔާސީ މަސައްކަތުގައި އުޅޭއިރު ހުންނާނެ، ވަކިހިސާބަކަށް ދެވޭއިރު ވެރިކަން ކުރެވެޔޭވެސް ހިތަށް އަރާފާނެ" ރީކޯ ވިދާޅުވިއެވެ.

2014 ވަނަ އަހަރު ކާނިވަލު ސަރަހައްދުގައި ބެއްވި ޖަލްސާއެއްގައި އަޅުގަނޑަށް ބުނެވުނީ 2018 ވަނަ އަހަރު އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރާނަމޭ. އެހިސާބުން އަޅުގަނޑު ވެއްޖެ އެ ޕާޓީގެ އޭރު ހުންނެވި އެޕާޓީގެ ރައީސް ރައީސް ނަޝީދު ވަރަށް ހިތްޕުޅާ ހަމަނުވާ މީހަކަށް" ރީކޯ އިތުރަށް ވިދާޅުވިއެވެ.

ރީކޯ އަކީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައި ހުރި ބޭފުޅެއްކަމަށާއި މީހުންނަށް ފިލައިގެން އުޅޭ މީހެއް ނޫންއިރު، އެބޭފުޅާއަކީ ދައްކަވާ ވާހަކައެއް ދިމާނުވާގޮތަށް ވާހަކަދައްކަވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ ވިދާޅުވާން ބޭނުންފުޅުވާ ހުރިހާ ވާހަކައެއް ހަޤީޤަތަށް ހާމަކުރައްވާކަމަށާއި އެބޭފުޅާ ސިޔާސީ ގޮތުންނާއި އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތްތައް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!