ދަރިމައިނުވުމުގެ މައްސަލަތަކަށް އާސައިންދައިން ފަރުވާދިނުމަށް ފާސްކޮށްފި
ދިވެހިރާއްޖޭގެ އާބާދީގައި ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންގެ ނިސްބަތް އިތުރުވަަމުންދާތީ، އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ހުށަހެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމު ހުށަހެޅުއްވި މި ޤަރާރު ކޮމިޓީން ދިރާސާކޮށް، ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ މިއަދު މަޖިލީހަށް ހުށަހަޅައިފައެވެ.
މީކާއިލް ހުށަހެޅުއްވި މި ޤަރާރުގައި ޤާނޫނު އަސާސީގައި އިޖްތިމާޢީ ސިއްޙީ އިންޝުއުރެންގެ ޤައުމީ ނިޒާމުގެ ޤާނޫނާއި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްޙީ ޚިދުމަތް ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ބަޔާނުގައި ދަރިމައިވުމުގެ މައްސަލަތަކަށް ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ދަށުން ފަރުވާ ހޯދުމުގެ ފުރުސަތުތަށް އިންތިހާއަށް ހަނިވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދަރިމައިވުމުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ޤަވާއިދުން ބޭނުންކުރަންޖެހޭ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި އެތައް ތަކުލީފެއް އުފުލަންޖެހޭކަމަށްވެސް އަލިއަޅުވާލާފައިވެއެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ބޭނުންވާ ބޭހުގެ ބާވަތްތައް ހޯދޭނެ މަގުފަހިކޮށްދިނުމަށްވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ. އަދި ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްވެސް ކުރިއަށްއޮތް ތަނުގައި އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި ރާއްޖޭގެ އިޤްތިޞާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޙައްލެއް މިކަމަށް ހޯދައިދިނުމަށް މި ގަރާރުގައި އެދިފައިވެއެވެ.
މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި މި ގަރާރުގެ މުހިންމުކަމާއި ގުޅޭގޮތުން މެންބަރުން ވަނީ ބަހުސްކުރައްވާފައެވެ. މި ގަރާރު ފާސްކޮށްފައިވަނީ 45 މެންބަރުންގެ އިއްތިފާޤުންނެވެ.