އެއް ހަފްތާގައި އިތުބާރު އޮތިއްޔާ، އަނެއް ހަފްތާގައި އިތުބާރެއް ނޯވޭ: ރައީސް ނަޝީދު

އެމަނިކުފާނާއިމެދު އެއް ހަފްތާގައި އިތުބާރު އޮތިއްޔާ، އަނެއް ހަފްތާގައި އިތުބާރު ނޯންނަކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުސީދާ ރައްދެއް ދެއްވައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ފަސް ވަނަ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ދަޢުވަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ސަބަބު ކިޔައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިޤާލީ މަރުޙަލާ ކުރިއަށްދާއިރު މިހާރު ހުންނެވި ރައީސްއަށާއި އިންތިޚާބީ ރައީސްއަށްވެސް މިފަދަ ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދިނުމުގެ ފުރުސަތު ނެތްކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރީ ވެރިކަމާ ޙަވާލުވާން ތައްޔާރުވަމުން އަންނަ ރައީސެއް. އެހެންކަމުން އެ ބޭފުޅާ [ޑރ. މުހައްމަދު މުއިއްޒު]އަށް މި ހަފްލާ ޝަރަފުވެރިކޮށް ނުދެވޭނެ. ދެން ހުރީ މަޤާމުގެ ވާޖިބުތައް ދޫކުރައްވައި ވަޑައިގަންނަވާ ރައީސެއް [ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު]. އެހެންކަމުން އެ ބޭފުޅާއަށްވެސް މި ހަފްލާ ޝަރަފުވެރިކޮށް ނުދެވޭނެ. ހަމައެކަނި ހުރި މީހަކީ އަޅުގަނޑު" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނަށް މިހާރު އެކަން ކުރެއްވޭނެތޯ ސުވާލު އުފެދޭކަމަށާއި އެކަމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އިތުބާރުގެ މައްސަލަކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"މިދިޔަ ހަފުތާ ނޫން އޭގެ ކުރީ ހަފުތާ އަޅުގަނޑާމެދު އެ ބޭފުޅުންގެ އިތުބާރެއް ނެތް. އޭގެ ފަހުން އައި ހަފުތާގައި އިތުބާރު އޮތް. އެކަމު މިހާރު އަނެއްކާ ވެސް އިތުބާރެއް ނެތް" ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީއަށް ނިސްބަތްވާ މެންބަރުންނަށް އިޝާރަތްކުރައްވައި އެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާގައި އަނެއްކާވެސް ކަންތައްތައް ވާނެގޮތާއިމެދު ޝައުޤުވެރިވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޤަރާރެއް ހުށަހަޅާފައެވެ. އަދި މި ގަރާރު ބަލައިގަނެ އެޖެންޑާކުރުމަށްފަހު މެންބަރުންނަށް ނޯޓިސްވެސް ވަނީ ފޮނުވާފައެވެ.
މި މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުވަމުން ދާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު ވަނީ މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަންނަން ދަތިވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތްކަމުގެ އެންމެ މައްސަލައެއްކަމަށާއި އެމްޑީޕީން ވަނީ މިދިޔަ ދައުރުގައި މައްސަލަ ހުށަހަޅައި މި ދައުރުގައި މައްސަލަ އަނބުރާ ގެންގޮސްފައިވާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.






ކޮމެންޓް