އާ ރައީސް ހުވާކުރައްވާ ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ: ޑރ. ޑީޑީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ޞައްޙަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާއަކަށް ވާންވާނެކަމަށާއި އެ ޖަލްސާއަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޑީޑީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައަށް ވަކި ގޮތެއް ނުނިންމައި އާ ރައީސް ހުވާކުރެއްވުމުގެ ޖަލްސާގެ ޞައްޙަކަމާމެދު ސުުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.
މިމައްސަލައާއި ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ހާމަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ޤާނޫނީ ޙައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި، ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ޤާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.އިތަށް ޑރ. ޑީޑީ ފާހަގަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ސޮއިކޮށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި، ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށް ފަހު، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާރލަމެންޓަރީ ޕްރެކްޓިސްތަކާ ޚިލާފުކަމެއްކަމަށެވެ. އެއީ މަޖިލީހުގެ އަޤުލަބިއްޔަތު މެންބަރުންގެ އިތުބާރު ޢަމަލީގޮތުން ގެއްލިފައިވާ ފަރާތެއް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިޚާބުކުރެވިފައިވާ އިންތިޚާބީ ރައީސް މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ، ޤާނޫނުއަސާސީއާއި ޤާނޫނީ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫނެވެ."މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ޤަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމަކަށް ނުވާއިރު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކޭކަމަށްވެސް ޑރ. ޑީޑީ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އާ ރައީސް ހުވާކުރައްވައިފި ނަމަ، އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށްވެސް ބުނެފައެވެ.






ކޮމެންޓް