ޚަބަރު ރައްޔިތުންގެ މަޖިލިސް

ރޮޒައިނާ އީވާއަށް: މިއީ ޖޯކެއްތަ؟

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދުދެއްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ މަޖިލީހުގެ ޖަލްސާތަކުގައި އެކި ފަހަރު މަތިންވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާތައް ކުރިއަށްގެންދެވިފައިނުވެއެވެ.

މިއަދުގެ ޖަލްސާގައިވެސް އެ މައްސަލަ ތާވަލުކޮށްފައި ވަނިކޮށް، އީވާ ވަނީ އިއްޔެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީފުޅެއް ފޮނުއްވައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަވަންދެން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

އެ ސިޓީފުޅުގައި، ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުބޭއްވޭތީ އެކަން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުން މުހިންމު ކަމެއް ކަމަށް އެ ޕާޓީއިން ދެކޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން، ޤާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ، ޤާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރު ދެމެދުގައި އޮންނަންޖެހޭ އިހުތިރާމް ކުޑަނުވާނެގޮތަށް ނުވަތަ އަރައިރުން ނުވާނެގޮތަށް އަމަލުކޮށް، ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަޞައްވުރަށް ހިޔަނި އެޅޭނެފަދަ ކަމެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށް އީވާ ވިދާޅުވެފައިވެއެވެ.

"ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދެންނެވީމެވެ،" އީވާގެ ސިޓީގައި ވިދާޅުވެފައިވާކަމަށްވެއެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީވެސް އީވާގެ ދެބެއިންގެ ދެދަރިއެއް ކަމަށްވާ ރައީސް ނަޝީދުގެ މައްސަލަ ބައްލަވަން އީވާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.

"އަދި މިހާރު ތިޔަ ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ޖެހެންދެން ރިޔާސަތު ބަލަހައްޓަން ދެކޮޅު ހައްދަވަމޭ! މިއީ އެންމެ ފުރިހަމަ ޑިމޮކްރަސީ އަކީ!" ރޮޒައިނާ ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހަށްވެސް ތާވަލު ކުރިއެވެ. ނަމަވެސް އެ ޖަލްސާތަކަށް އީވާ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށްވަނީ ތާވަލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!