ޚަބަރު ލައިފްސްޓައިލް

ހިތް އެދޭ ކޮންމެ މީހަކު ނުލިބިދާނެއެވެ.ނަމަވެސް އެއީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫނެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި މީހުން ކުރިމަތިލާން ޖެހޭނީ އެކި ކަންކަމާއެވެ. އެކި މީހުންގެ ދިރިއުޅުމަށް އަންނާނީ އެކި ވަރުގެ ތޫފާންކަން ގައިމެވެ. ޔަގީންވާ އެއް ކަމަކީ އެއްވެސް މީހަކު ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ދިރިއުޅުމުގައި ނުވާނެ ކަމެވެ. އެއްވެސް މީހަކު އަބަދަކު އުފަލެއް ވެސް ނުކުރާނެ ކަމެވެ. އަދި ހިތާމައެއް ވެސް ނުކުރާނެ ކަމެވެ. ދިރިއުޅުމުގައިވެސް އަންނާނީ ބަހާރު މޫސުމާއި ޚަރީފު މޫސުމެވެ. ބަހާރު މޫސުމުގައި ހިނިތުންވާ ފަދައިން ޚަރީފު މޫސުމުގައި ވެސް ހިނިތުންވާން ދަސް ކުރަން ވާނެއެވެ.

Ads by MWSC

ދިރިއުޅުމުގައި ގިނަ ބަޔަކަށް ހިތާމަވެރިކަމާއި މޮޅިވެރިކަން ގެނެސްދޭ އެކައްޗަކީ ލޯބި ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. ލޯތްބަކީ ވަރަށް ވެސް ފާޑެއްގެ އެއްޗެކެވެ. އެއް ބައެއްގެ ހިތް ހަލާކު ކޮށްލާ އެއްޗަކަށް ލޯބިވާއިރު އަނެއްބައި މީހުން އުފަލުން ފޮޅެނީ ވެސް ހަމަ މި ލޯބީގެ ސަބަބުންނެވެ. ލޯބީގެ މައިދާނުގައި ހަނގުރާމައަށް ނުކުންނައިރު ހަމަ ކޮންމެ މީހަކުވެސް ކެތްތެރިވާން ޖެހޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ނޫންނަމަ އެ ހަނގުރާމައިގެ މައިދާނުގައި އެމީހެއްގެ ދުވަސް ދިއުމަކީ ނުހަނު ގާތުގައި އޮތް ކަމެކެވެ.

ކޮންމެ މީހަކުވެސް ހިތްއެދޭ ކަންކަމާއި ހިތްއެދޭ ތަންތަނާއި އަދި ހިތް އެދޭ މީހުންވެސް ވާނެ ކަން ގައިމެވެ. ހިތް އެދޭ ތަންތަނަށް ދިއުމަކީ އިންސާނާގެ ތަބީއަތުގައި ވާ ކަމެކެވެ. ހަމަ އެފަދައިން ހިތް އެދިގޮވާ ކަންކަން ކުރުމަކީ ވެސް އިންސާނާގެ ތަބީއަތުގައި ވާ ކަމެކެވެ. އެހެން ކަމުން ހިތް އެދޭ މީހެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް އިންސާނާގެ ތަބީޢަތް ކަން ޔަގީނެވެ.

ދެން އުފެދޭ ސުވާލަކީ ހިތް އެދޭ ކޮންމެ މީހަކީ ލޯބިވާ މީހެއް ބާވައެވެ؟ މި ސުވާލަށް އެކި މީހުން ޖަވާބު އެކި މީހުން އެކި ގޮތަށް ދެއެވެ. އެކިމީހުން މިކަމުގައި ދައްކާ ވާހަކަ އުޑާއި ބިމާހާ ވެސް ތަފާތެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ ލޯތްބަކީ އެންމެ ނަޒަރަކުން ވެސް ވެވިދާނެ އެއްޗެކެވެ. ލޯބި ވުމަށް ޓަކައި ދެމީހުން އެކަކު އަނެކަކަށް މާ ބޮޑަށް އެނގުމެއް މުހިއްމެއް ނޫނެވެ. ނަމަވެސް މިކަމާ ދެކޮޅު މީހުން ބުނަނީ، ލޯބި ވެވޭނީ އެކުގައި ދުވަސްކޮޅެއް ވޭތު ކޮށްލުމުން ކަމުގައެވެ. އެކުގައި ރަހުމަތްތެރިއެއްގެ ގޮތުގައި ނަމަވެސް ވާހަކަ ދައްކާލުމަށް ދުވަސްކޮޅެއް ހޭދަ ކޮށްލުމުން ކަމުގައެވެ.ކޮންމެއަކަސް ލޯބީގެ މިފަދަ ބަހުސްތަކަކީ ނިމުމެއް އަންނާނެ އެއްޗެއް ނޫނެވެ.

ތިމާ ހިތް އެދޭ ކޮންމެ މީހަކު ތިބާއަށް ނުލިބިދާނެއެވެ. ސަބަބަކީ ދިރިއުޅުމުގައި ހުރިހާ ކަމެއް ތިބާ ހިތް އެދޭ ގޮތަށް ނުވާތީއެވެ. ތިބާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވާނެތީއެވެ. ތަދުބީރަކީ ބާރެއް ނެތް އެއްޗެކެވެ. ތަގުދީރުގެ ނިޔާ އާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިމޭނެ ކަން ގައިމެވެ. ނަމަވެސް ހިތް އެދޭ މީހަކު ހޯދުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. މަސައްކަތް ނުކޮށް އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަން ޔަގީނެވެ. އަޅުން ކުރާނީ މަސައްކަތްތާއެވެ. ކުރެވޭނީ ދުއާ ތާއެވެ. އެހެން ކަމުން މަސައްކަތް ކުރުމަކުން ގޯހެއް ނެތެވެ. ކާމިޔާބު ވުމާއި ނުވުމަކީ އަދި އެހެން ކަމެކެވެ.

ހިތްއެދޭ ކޮންމެ މީހަކު ނުލިބުމުން މާޔޫސްވެ ދުނިޔެމަތިން ފޫހިވާކަށް ނުވާނެއެވެ. އެއަށް ވުރެ މާ ރަނގަޅު ގޮތެއް ތިބާއަށް މެދުވެރި ވަނީ ކަމުގައި ވެސް ވެދާނެއެވެ. ﷲގެ ރޭވުންތެރިކަން މާ މޮޅު އިތުރު ވެގެންވެއެވެ. އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ.

ހިތްއެދޭ މީހަކު ނުލިބުމުން ދެރަވެ މާޔޫސް ވާކަށް ނުވެއެވެ. ސަބަބަކީ ކޮންމެ މޫދު މަހަކަށް ގަލެއް ވާ ކަމުގައި މުސްކުޅިން ބުނެ އުޅެނީ މަޖަލަކަށް ނޫން ވިއްޔާއެވެ. އެއީ ހަމަ ތެދެވެ. ހިތް އެދޭ ކުއްޖަކު ނުލިބުނަސް އަދި އެއަށްވުރެ މާ ރީތި މާ ޚުލްގު ހެޔޮ ކުއްޖަކު ލިބިދާނެއެވެ.

ހިތްއެދޭ މީހަކު ކާމިޔާބު ނުވުމުން ދެރަވާނެ ކަން ވެސް އެނގެއެވެ. ނަމަވެސް އެއީ މާޔޫސްވެ އުއްމީދު ކަނޑާލަންވީ ސަބަބެއް ނޫން ކަން ޔަގީނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!