ރަސްމާލޭގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރައީީސް ފައްޓަވައިދެއްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ "ހަފްތާ14"ގައި ހިމެނޭ މުހިންމު މަޝްރޫޢުއެއް ކަމުގައިވާ ކ.ފުށިދިއްގަރުފަޅު މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފިއެވެ.
ސީއެމްސީ އާއި ޙަވާލުކޮށްފައިވާ މި މަޝްރޫޢު ފައްޓަވައިދެއްވީ، ރައީސް ޑރ.މުޢިއްޒުއެވެ. އެ މަނިކުފާނު މިއަދު ވިދާޅުވީ، އެތަން ހިއްކަނީ "ރަސްމާލެ" ގޮތުގައި ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު، އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލުން ކަމަށާއި، މަޝްރޫޢުގެ ދަށުން ހިއްކާ ސަރަހައްދު ހުޅުމާލޭގެ ތިން ގުނަ ވަރަށް ބޮޑު ވާނެ ކަމަށް ވެސް ރައީީސ ވިދާޅުވިއެވެ. ފުށިދިއްގަރުފަޅުގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް ހިމެނި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައެވެ. މި މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މި މަޝްރޫޢުގެ ބޭނުމަށް ރައީސް ޑރ. މުއިއްޒުވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ. އެ ފަޅުން 800 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުޢިއްޒުގެ ބޮޑު ތަސައްވުރެކެވެ. މި ތަން ތަރައްގީކުރާނީ މާލެ ނައިސް ރައްޔިތުންނަށް ދިރިއުޅެވޭ ފެންވަރަށް ހުރިހާ ޚިދުމަތަކާއެކުގައެވެ. މިއީ މާލެއާ ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ރަށެކެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފައެވެ.





ކޮމެންޓް