ޗައިނާ ސަރުކާރުގެ އެހީގައި މާސްޓާސް ހަދަން 200 ސްކޮލާޝިޕްގެ ފުރުސަތު

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހުރިހާ ޚަރަދަކާ އެކު، އެ ޤައުމުގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޗައިނާ ސަރުކާރުގެ އެހީގައި މާސްޓާސް އަށް ކިޔެވުމަށް މި ސްކޮލާޝިޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އަންނަ އޭޕްރީލް 15ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މި ސްކޮލާޝިޕްތަކަށް ހޮވޭ ފަރާތްތަކުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން އެދިފައެވެ.
ހަމަ އެހެންމެ ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވިއްޖެ ނަމަ ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް ވަނީ އެދިފައެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ދޭން ހަމަޖެހިފައިވާ މި ސްކޮލާޝިޕްތަކަށް ކުރިމަތި ލެވެނީ ޑިގްރީ ނިންމައި، އުމުރުން 45 އަހަރު ނުވާ ފަރާތްތަކަށެވެ.






ކޮމެންޓް