އާއްމު ސިއްޙަތަށްވުރެ މިވަގުތު އެއްވެސް ޙައްޤެއް އިސްވެގެން ނުވާނެ: ޑރ. ނަޒްލާ

ްެމިވަގުތު އެންމެ އިސްވާން ވާނީ ފުރިހަމަ ސިއްހަތެއްގައި އުޅުމުގެ ހައްގު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީ ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތަކީ އެއްވެސް ތަނަކަށް އެއްވެ އުޅެންޖެހޭ ދަނޑިވަޅެެއް ނޫން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މާސްކު އަޅައިގެން ވިޔަސް އެއްފަހަރާ ތަނަކަށް އެއްވެވޭނީ ފަސް މީހުންނަށް ކަމަށް ނަސޭޙަތްތެރިވަމުން ދާއިރުވެސް، އެބައެެއްގެ ޙައްޤެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެޗްޕީއޭ ގެ ގައިޑްލައިންތަކާއި ޚިލާފުވަމުންދާކަން ފެންނަމުންދާ ކަމަށެވެ.
"މިއީ ވަކި މީހަކަށް ޖެހޭނެ އަދި ވަކި މީހަކަށް ނުޖެހޭނެ ބައްޔެއް ނޫން. މިއީ ސިޔާސީ ކަމެއް ވެސް ނޫން. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާ ވާހަކައަކީ ކޮންމެހެން ދާން ނުޖެހޭ ތަންތަނަށް ވަޑައިން ނުގަތުމަށް. އާއްމު ސިއްޙަތުގެ ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އެންމެ މުހިންމީ ފުރިހަމަ ސިއްޙަތެއްގައި ހުރުމުގެ ޙައްޤު" ޑރ. ނަޒްލާ ވިދާޅުވިއެވެ.