ރައީސް ދެއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް ވަޒީފާގެ ފުރުސަތު ހަމަޖެހިގެން ދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށް ގެންދަވާ “އަހާ” ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން އެފަދަ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސަވަން ނިންމަވާފައިވަނީ ކިހިނެއްތޯ ސުވާލުކުރެއްވުމުން އެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
"މިހާރު ކެބިނެޓުން މީގެ މަހެއް ދޮޅުމަސް ކުރިން އަޅުގަނޑުމެން ނިންމާފައި ވާނެ ތިބޭފުޅުންނަށް ވަޒީފާގެ ފަހި ފުރުސަތުތައް ފަހިކޮށްދޭން. ސަރުކާރުގެ ވުޒާރާތަކުންވެސް ސަރުކާރުގެ ކުންފުނިތަކުންވެސް"މީގެ މަހެއްހާ ދުވަސް ކުރިން ރައީސްގެ ކެބިނެޓުން ވަނީ ސަރުކާރުގެ އެކި އޮފީސް ތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުން ފާސްކޮށްފައިއެވެ. އަދި މި ފުރުސަތުތަށް ވަރަށް ފުރިހަމަކޮށް ވީހާވެސް އަވަހަކަށް އެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މިރޭ ދެއްވާފައިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވަރަށް އަވަހަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތައް ހަމަޖެހިގެން ދާނެ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސްގެ ކެމްޕޭނު ވްއުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން ފުރުސަތުތައް ފަހި ކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވައުދުވެލައްވާފައިއެވެ. މި ފަދަ ހާއްސަ އެހީއަސް ބޭނުން ވާ ފަރާތްތަކުގެ ދަފްތަރެއް ވަނީ މިދިޔަ އަހަރު އެކުލަވާލެވިފައިއެވެ.




ކޮމެންޓް