ޚަބަރު ސަރުކާރު

ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން މިނިސްޓަރު ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު އުމަރު

ކައުންސިލުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

ލާމަރުކަޒީ ދުވަހަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތަކަަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކާމިޔާބަކީ ކައުންސިލްތަކާއި މިނިސްޓްރީ އާއި ދެމެދު އޮތް ގުޅުމާއި އިތުބާރުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިނިސްޓްރީގެ އަމާޒަކީ ކައުންސިލްތަކާ އެކު މަސައްކަތް ކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސް ކުރުމަށް މަގުފަހިކޮށްދީ، ހުރިހާ ކައުންސިލެއް ބާރުވެރިކުރުވުމެވެ.
ކައުންސިލުތައް ބާރުވެރި ކުރުވުމަށް މި ސަރުކާރުން އެކި އެކި މަސައްކަތް ކުރަމުން އަންނަ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދަނީ ރަށް ރަށަށް ވަކިން ދަތުރުފުޅު ކުރައްވާ ރަށްތަކުގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވަމުންނެވެ.

އަދި ބައްދަލުވި ކައުންސިލްތަކުން އެންމެ ބޮޑަށް އެދިފައިވަނީ އެ ކައުންސިލްތައް ބާރުވެރިވެގެން ދިޔުމަށާއި،  މާލީ ގޮތުން ތަނަވަސްކަން ލިބޭނެ ގޮތެއްގެ މަތިން ކަަންކަން ކުރެވޭނެ ނިޒާމެއް ފަހިކޮށްދިނުން ކަމަށެވެ. އެކަން ފަހިކޮށްދިނުމަށްޓަކައި ރައީސް  ވަނީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައެވެ. އެ ނިންމުމާއި އެކު ކޮންމެ ކައުންސިލަކަށް ބޭނުންވާ ފަޅުރަށެއްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!