އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ދެމިތިބުން ބަލައެއް ނުގަނެވޭނެ: މުޢިއްޒު
އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ދެމިތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ގެންދިއުމަށް ގޮވައިލާ މީސް މީޑިޔާގައި އަޑުގަދަކުރުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.
އެގޮތުން މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ މުސްތަޤިއްލު މިނިވަން އަދި ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމުގެ ޙައްޤަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުން އިތުރުވެފައި ވަނީ އިންޑިޔާއިން ހަދިޔާކުރާ ޑޯނިއާ ފުލައިޓާއެކު ހަނިމާދޫގައި ތިބޭ އިންޑިޔާ ސިފައިން ތިބުމަށް ގެ ކުއްޔަށް ހިފާ ޚަބަރު ތިލަވުމާ ގުޅިގެންނެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް އިންޑިޔާ ސިފައިން އެބަތިއްބެވެ.