ޚަބަރު ސަރުކާރު

ގުޅީފަޅުން ގޯތި ލިބުނު މީހުންނާ މިނިސްޓްރީން ބައްދަލުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލެ ސަރަޙައްދަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

Ads by MWSC

އެ މިނިސްޓްރީން މިއަދު، ސަރުކާރުގެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުން އިއުލާނު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.  ބައްދަލަވުމުގައި ބައިވެރިވާ ފަރާތްތަކުން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. ގުޅީފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން (ޑްރާފްޓް)، އެ މިނިސްޓްރީގެ  ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދަކާއި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައިވާއިރު ތައުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށްވެސް ސަރަހައްދުތައް ކަނޑައަޅައިފައިވެއެވެ.

ނިމިދިޔަ ސޯލިހުގެ ސަރުކާރުގައި ގުޅީފަޅު ގުޅީފަޅު ހިއްކަން ފެށި މަޝްރޫއުގެ ދަަށުން ހިއްކަންޖެހޭ 150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

އެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގުޅީފަޅުން 2000 އެއްހާ ގޯތި ދޫކުރިއެވެ. ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ގުޅީފަޅުން ގޯތި ބޭނުންވާނަމަ އެބަދަލު ގެނައުމުގެ ފުރުސަތު އޮތް ކަމަށް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއްވަމުންދާ ކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މަޝްރޫއު ހުއްޓާލަން އެ ކޯޓުން އަމުރުކުރިއެވެ. އެކަމަކު ހައިކޯޓުން ކުރި ވަގުތީ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!