ބަނގުރަލާ އެކު ހައްޔަރުކުރި ދެމީހަކު ކޯޓުން ދޫކޮށްލައިފި
ބަނގުރަލާ އެކު މާލެއިން ހައްޔަރުކުރި ދެމީހަކު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭ މަގުމަތިން ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮގަަސްޓް މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށާއި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގެ ތެރެއިން، އެ މީހުން ދުއްވި ކާރު ހެންވޭރުން ހުއްޓުވައި ބަލައި ފާސްކުރިއިރު 96 ބިޔަރު ދަޅާއި، 12 ފުޅި ބަނގުރާ ވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، 28 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު، 27 އަހަރުގެ މީހާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.