އަނީސް ދޫކޮށްލީ ގޯސްކޮށް، އަލުން ބަންދުކުރަން އަމުރުކޮށްފި

ކުޑަކުއްޖަކު ހައްލާލައިގެން ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕުކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަނީސް ހިލްމީ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ނިންމައި، އޭނާ އަލުން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހއ. ބާރަށު، ސިލްސިލާގެ، އަނީސް ހައްޔަރު ކޮށްފައިވަނީ 10 ޖޫން 2020 ގައެވެ. ނަމަވެސް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބަކަށް ބުނީ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވުމާއި ބަންދުގައި ހޭދަކުރި މުއްދަތުގައި ގާނޫނާ ހިލާފު އަމަލެއް ކޮށްފައި ނުވުމެވެ.
މި މައްސަލަ މުރާޖާ ކޮށްދިނުމަށް އެދުމުން ހައިކޯޓުގައި ޕީޖީ އޮފީހުން އިސްތިއުނާފު ކުރިއިރު، މިއަދު އެ ކޯޓުން ކުރި އަމުރުގައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފައެވެ. އަދި އަނީސް އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ހަތް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގާފައިވެއެވެ. އެ އެންގުން އަންގަންދެން، ކްރިމިނަލް ކޯޓުން ކަނޑައަޅަން ދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް ކަނޑައަޅަން ފެންނަ ކަަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
އަނީސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.