އެޗްޕީއޭ އިން ދިވެހި ބަހަށް އިސްކަންދެއްވާ، ހަގީގަތް ނުބަލާ ދޮގު މައުލޫމާތު ފެތުރުމުން މަސްލަހަތު ގެއްލޭ: އަޝްރަފް އަލީ
އެއްވެސް ޝައްކެތް ނެތް ގޮތުގައި އަޅުގަނޑުމެން ދިވެހީންނަށް ލިބިފައިވާ އެންމެ އަގުހުރި އެކައްޗަކީ އަޅުގަނޑުމެންގެ މާދަރީ ބަހެވެ. އެހެން ގައުމުތަކުގެ މީހުންނާއި އަޅުގަނޑުމެން ތަފާތު ވާ އެއް ސަބަބަކީ ވެސް ހަމަ އަޅުގަނޑުމެންގެ މާދަރީ ބަހެވެ. އަމިއްލަ މާދަރީ ބަސް ދެކެ ކޮންމެ މީހަކުވެސް ލޯބިވާން ޖެހެއެވެ. އަމިއްލަ މާދަރީ ބަހަށް ދެވޭ އިސްކަން ބޮޑު ވާން ޖެހެއެވެ. ސަބަބަކީ އަމިއްލަ މާދަރީ ބަސް ނޭނގުމަށްވުރެ ވަކި ދެރަކަމެއް ނޯންނާނެތީއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ދިވެހިބަސް ދެކެ ލޯބިވާ ބަޔަކަށް ވާން ޖެހޭނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަ މަންޒަރަކީ އެއީ އެއް ނޫނެވެ. ގިނަ މީހުން ދިވެހި ބަސް އެނގުނު ކަމުގައި ވިޔަސް ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. ސަބަބަކީ ދިވެހި ބަހަކީ އެމީހުންނަށް ބޯދާ މުސްކުޅި ބަހެއް ކަމުގައި ބެލެވިފައި އޮންނާތީއެވެ. ނަމަވެސް ހަގީގަތުގައި ދިވެހި ބަހަކީ ވަރަށް މުއްސަނދި ވަރަށް ރީތި ބަހެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ ތައްޔިބު ޝަހީމް ވަނީ އޭނާގެ ފޭސްބުކުގައި ދާދި މިދާކަށް ދުވަހު އެޗްޕީއޭގެ އިނގިރޭސި ބަހުން ލިޔެފައިވާ ނޯޓިހެއް ހިއްސާ ކުރައްވައިފައެވެ. އަދި އިނގިރޭސިބަހުން އެ ލިޔުން އޮތުމުން އެކަމާ ނުރުހުން ފާޅު ކުރައްވާ ވާހަކަފުޅު ވެސް ދައްކަވާފައެވެ. މިގޮތުން ދިވެހި ދައުލަތުގެ ހުރިހާ ލިޔެކިޔުމެއް ވެސް މިހާރު އިނގިރޭސި ބަހަށް ބަދަލު ނިމިއްޖެ ކަމުގައި ލިޔުއްވާފައި ވެއެވެ.މި މޭރުމުން ޝުއޫރު ފާޅުކުރައްވާ ޓެގު ކުރައްވާފައި ވަނީ ބޭރު މީހަކަށެވެ.
ކޮންމެއަކަސް މި ޕޯސްޓު ފެނުމުން ހަމަ ހަގީގަތުގައި ވެސް ކަން އޮތީ މިހެންތޯ ބަލާލުމުގެ ޝައުގު އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. މި ޝައުގު ބޮޑުވީ އެޗްޕީއޭގެ ގިނަ ލިޔުންތަކެއް އަޅުގަނޑަށް ދިވެހި ބަހުންނާއި އަދި އިނގިރޭސި ބަހުން ވެސް ފެންނާތީއެވެ. .
ތައްޔިބުގެ މި ޕޯސްޓާ ގުޅިގެން މިކަމުގެ ހަގީގަތް ބެލުމަށް ޓަކައި އަޅުގަނޑު އެޗްޕީއޭގެ މީޑިއާގެ ބޭފުޅަކާ ގުޅާ އެތަނުގެ ލިޔެކިޔުންތަކާ ގުޅޭގޮތުން ސުވާލު ކުރީމެވެ. މިގޮތުން ލިޔެކިޔުންތައް ލިޔުއްވާ ހާމަ ކުރައްވަނީ ކޮން ބަހަކުންތޯ ސުވާލު ކުރީމެވެ. ޖަވާބުގައި އެ ބޭފުޅަކު ވިދާޅުވީ އެޗްޕީއޭގެ ލިޔެކިޔުންތައް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ވެސް ލިޔުއްވާ ކަމަށާއި އާންމު ކުރައްވަނީ ވެސް އެގޮތަށް ކަމަށެވެ. އަދި ހަމައެކަނި އިނގިރޭސި ބަހުން އާންމު ކުރައްވަނީ އެ ލިޔުމެއްގައި މާގިނައިން ސިއްހީ އިސްތިލާހުތައް (މެޑިކަލް ޓާރމިނޮލޮޖީސް) ހުންނަ ޒާތުގެ ލިޔުންތައް އެކަނި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ތެދެކެވެ. އެޗްޕީއޭގެ ގިނަ އެންގުންތަކާއި އުސޫލުތަކާއި އަދިވެސް ސިއްހީ މައުލޫމާތުގެ އެތައް ލިޔުމެއް، ދިވެހި ބަހުން ލިޔުންވާ އާންމު ކުރައްވާ ތަން އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ފެނެއެވެ. ކަން މިހެން ހުރުމުން ތައްޔިބު ފޭސްބުކުގައި ދައްކަވާފައި އެވާ ވާހަކަފުޅަކީ ހަގީގަތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
އެޗްޕީއޭ އިން މައުލޫމާތު ސާފު ކުރުމަށްފަހު އަޅުގަނޑު މިކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީގެ ހިޔާލުފުޅެއް ހޯދާލުމުގެ ބޭނުން ބޮޑުކަމާހުރެ އެމަނިކުފާނާ ވެސް ގުޅީމެވެ. ހަގީގަތުގައި ތައްޔިބުގެ ޕޯސްޓުގައިވެސް އޭނާ ޓެގް ކުރައްވަން މަސައްކަތް ކުރައްވާފައިވާ ކަމަށް ބެލެވެނީ ވެސް އެކެޑަމީގެ އަޝްރަފް ޢަލީއާ އެވެ. ނަމަވެސް ތައްޔިބަށް ޓެގު ކުރެއްވިފައި ވަނީ އަލީ އަޝްރަފް ނަމަކަށް ކިޔާ ބޭރު މީހަކާއެވެ.
އަޝްރަފާ ގުޅައިލުމުން ޖަވާބު ދެއްވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ދިވެހީންގެ އިތުރަށް އެހެން އެތައް ގައުމުތަކުގެ މީހުންވެސް އެކިއެކި މުހުތާދުތަކުގައި އުޅޭ ކަމަށާއި ކޮވިޑު-19ފަދަ ބިރުވެރި އާލަމީ ވަބާއެއް ފެތުރިގެން މިދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެ ގައުމުތަކުގެ ބަހުން ވެސް މައުލޫމާތު ފެތުރުއްވުމަކީ ކުރާން ޖެހޭ މުހިއްމު ކަމެއް ކަމުގައެވެ. އިތުރު ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވޭނީ އެ މުޖުތަމައެއްގެ އެންމެނަށް އެބައްޔާ ބެހޭ ހެޔޮ މައުލޫމާތު ލިބިގެން ކަމުގައެވެ. މި ގޮތުން ބަންގުލަދޭޝް ބަހުން ވެސް އެފަދަ މައުލޫމާތުގެ މެސެޖާއި ޕޯސްޓުތައް ހުންނަކަން ފާހަގަކުރެއްވިއެވެ.
ދެން އާއި ވާހަކަ ދައްކަވަމުން އަޝްރަފް އިތުރަށް ވިދާޅުވީ އެޗްޕީއޭއިން ދިވެހި ބަހަށް އިސްކަން ދެއްވާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވޭ ކަމަށާއި އެކަމާ ނުހަނު އުފާފުޅު ކުރައްވާ ކަމަށެވެ. ހަމައެހެންމެ، ކޮވިޑު19އާ ގުޅިގެން އަލަށް ވަން އިނގިރޭސި ލަފުޒުތަކުގެ ބަދަލުގައި ބޭނުން ކުރާން ދިވެހިބަހުގެ އެކެޑަމީން ކަނޑައެޅުއްވި އެތައް ލަފުޒެއް އެޗްޕީއޭއިން ބޭނުންފުޅު ކުރެއްވި ކަމަށާއި އޭގެ ތެރޭގައި ނައްސި، ފައްސި ގައިދުރުކަން، އެއްތާވިމީހުން ފުރަބަންދު ފަދަ ލަފްޒުތައް ފާހަގަ ކުރެވޭ ކަމުގައި އަޝްރަފް ވިދާޅުވިއެވެ. މީގެ އިތުރަށް އެޗްޕީއޭއިން އެބޭފުޅުންގެ ބައެއް ލިޔެކިޔުންތަކާއި ބައެއް މެސެޖުތައް ތައްޔާރު ކުރެއްވުމުގައި ސީދާ އަޝްރަފްގެ އެހީތެރިކަން ހޯއްދަވާ ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.
އަޝްރަފް އަލީ އިތުރަށް ވިދާޅުވީ ދިވެހިބަހަށް އެޗްޕީއޭއިން އިސްކަންދެއްވަމުން ދާއިރު ކަމުގެ ހަގީގަތް ނުބައްލަވާ ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ދެރަވަރުކަމެއް ކަމުގައެވެ. އަދި އެ ގޮތަށް ކަންތައް ކުރެއްވުމުން މަސްލަހަތު ގެއްލޭ ކަމަށް އަޝްރަފް ފާހަގަ ކުރެއްވިއެވެ.
ހަގީގަތަކީ ދިވެހިބަހަށް އެޗްޕީއޭއިން އިސްކަން ދެއްވާ ކަމެވެ. އެޗްޕީއޭގެ ގިނަ ލިޔެކިޔުންތަކެއްގައި ވެސް ދިވެހިބަހަށް އިސްކަންދެއްވައި ދިވެހި ބަސް ބޭނުން ކުރައްވައިފައި ހުންނަ ކަމެވެ. ނަމަވެސް ނުރުހުމުގެ ލޮލަކަށް ފެންނާނީ ހުސް ނުރަނނގަޅު ކަންކަމެވެ. ރަނގަޅު ހަމަ އެއް ކަމެއް ވެސް ނުފެންނާނެއެވެ. ކަން އޮތް ގޮތް ނުބަލައި ކޮންމެކޮންމެ އެއްޗެއް ބުނެ ހާމަ ކުރުމުން ނުކުމެދާނެ ނަތީޖާއަކާ މެދު ވިސްނާ ނަމަ ކަންކަން ނޯޅޭނެއެވެ. އެއްވެސް ކަމެއްގެ މަސްލަހަތެއް ނުގެއްލޭނެއެވެ.