ސިޔާސީ ހަރަކާތް ވަރުގަދަ ކުރުމަށް އިދިކޮޅުން ރަށު ކޮމިޓީތަކެއް އެކުލަވާލަނީ

ސިޔާސީ ހަރަކާތް ވަރުގަދަ ކުރުމަށް އިދިކޮޅު ޕީޕީއެމް،ޕީއެންސީން ރަށު ކޮމިޓީތަކެއް އެކުލަވާލަން ނިންމައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބީ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މި އިންތިހާބުގެ އެންމެ ބޮޑު މަގްސަދަކީ އަތޮޅު ތެރޭގައާއި މުޅި ރާއްޖޭގައި އިދިކޮޅުގެ ހަރަކާތްތައް ފުޅާކޮށް ހިންގުންކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހު ކަމަށާއި މި އިންތިހާބު މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އޮންނާނެ ކަމަށެވެ. އަދި މާލޭގެ އަވަށްތަކުގައި ވަކި ވަކިން އިންތިހާބު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިހާބީ ކޮމިޓީގެ މެމްބަރު އަދި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިހާބުގައި ހޮވާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި ފަސް މެމްބަރުންނާއި 11 މެމްބަރުންނާ ދެމެދުގެ އަދަދަކަށް ކަމަށެވެ.
އިންތިހާބުގެ ތަފްސީލީ މައުލޫމާތު މިއަދު އާންމު ކުރާނެ ކަމަށް ކޯލިޝަނުން ބުނެއެވެ.