ގުރައިދޫގައި ހޯމް ކަރަންޓީނާއި ޚިލާފުވި މީހަކު 2500 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ކ. ގުރައިދޫގައި ހޯމް ކަރަންޓީނާއި ޚިލާފުވި މީހަކު 2500 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިމައްސަލައިގައި ޖޫރިމަނާ ކުރީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިއީ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ޤަވައިދަށް ފުރަތަމަ އިސްލާހް ގެނެވި އެޤަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިގޮތަށް ޖުރިމަނާ ކުރި ފުރަތަމަ މީހާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން މިފުރުޞަތުގައިވެސް ނަސޭހަތްތެރިވަން" ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮވިޑުން ރައްކާތެރި ކުރުމަށާއި މިބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އޭގެ ތެރޭގައި، މާލެ ސަރަޙައްދާއި ކޮވިޑް ފެތުރިފައިވާ ރަށްތަކުގައި އުޅޭ މީހުން ބޭރަށް ނިކުތުމުގެ ކުރިން މާސްކު އެޅުމަށް ވެސް ވަނީ އަންގާފައެވެ. މިއެންގުމާއި ޚިލާފު ވެއްޖެނަމަ ފުރަތަމަ ފަހަރު ނަސޭޙަތް ދިނުމަށްފަހު ތަކުރާރު ވެއްޖެނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވެއެވެ.
އޭގެއިތުރުން މާލެ ސަރަޙައްދުގައި ރޭގަނޑު 8 ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި، 9:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދު ކުރުމާއި 10ގެ ފަހުން ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވެއެވެ. މިއެންގުންތަކާއި ޚިލާފުވެއްޖެ ނަމަވެސް ޖޫރިމަނާ ކުރެއެވެ.