ޔޮޓެއްގައި ރާއްޖެ ގެނައި ކުއްތާއެއް ތުލުސްދޫއަށް ބޭލި މައްސަލައެއް

ރާއްޖެއިން ބޭރުން އައި ޔޮޓެއްގައި ރާއްޖެ އެތެރެކުރި ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ, ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ސާފެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ތުލުސްދޫ ބަނދަރަށް ފައިބާ ފަތުރުވެރިއަކު ކުއްތާއެއް ހިފައިގެން ހުރެ އޭތި ރަށު ތެރެއަށް ދޫކޮށްލަ އެވެ. އެވަގުތު ރަށު މީހުން ވެސް ރަށުގައި ތިއްބެވެ.
މީގެ ކުރިން ވެސް ހުއްދަ ހޯދައިގެން ޔޮޓުތަކުގައި ކުއްތާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ބޭލުމަކީ މަނާ ކަމެކެވެ.