ޚަބަރު ސަރުކާރު

މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފި، ނުދެވި 62 މިލިއަން ރުފިޔާ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، ނުދެވި ހުރީ 62 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސްވެރިންނަށް ދޫނޫކުރެވި 61 މިލިއަން ރުފިޔާ އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދާ ހިސާބަށް 62 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތް. 22 އެޕްރީލްގައި އަޅުގަނޑު ހަނދާންވާ ގޮތުން 22 މިލިއަން ރުފިޔާ އެ ޕޭމެންޓުގައި ދެވުނީ. ދެވުނު އިރު އެހިސާބަށް މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ. މަސްވެރިންނަށް މިސަރުކާރުން ޔަގީނުންވެސް 881 މިލިއަން ރުފިޔާ ދޫކުރެއްވިއްޖެ،" ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ، ނުދެވި ހުރި ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަށް އެ ފައިސާ ދައްކާ ނިންމާލުން ކަމަށެވެ.

"އުންމީދު ކުރަނީ ވީހާވެސް އަވަހަށް މި ފައިސާ މަސްވެރިންނަަށް ދައްކައި ހަލާސް ކުރެވޭނެ ކަމަށް." ޝިޔާމް ވިދާޅުވިއެވެ.

މަސް ނިމެން ކައިރިވެފައިވާތީ މިފްކޯއަށް ވެސް މާލީ ގޮތުން އުނދަގޫތަކެއް ދިމާވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އެކުންފުންޏާއި ސަރުކާރުން ވެސް މަސައްކަތް ކުރަމުން އަންނަނީ ދައްކަން ޖެހޭ ބިލުތައް ދެއްކުމަށް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ނުދެވި އޮތެވެ. އޭގެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރުމަށް އެކި މަސައްކަތްތައްކޮށް ސަރުކާރުން ވަނީ ބިލްތައް މިދިޔަ އެޕްރީލް މަހާއި ހަމައަށް ހަލާސްކޮށްފައެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!