ޚަބަރު ސަރުކާރު

ތިލަމާލެ ބްރިޖުގެ 38.8 ޕަސެންޓު ނިމިއްޖެ: މުއްތަލިބް

އައިކާ ޔުނާން ، ދެން އޮންލައިން

މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ 38.8 އިންސައްތަ ނިންމާލާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖު މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, ބްރިޖުގެ ޕައިލިން މަސައްކަތުގެ 65 ޕަސެންޓު ނިންމާލެވިފައިވާ ކަމަށާއި ދެން ހުރި ކޮލަމްތަކުގެ 48 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ބްރިޖު ތަނބުތައް ގުޅުވާލާ ޕްރީކާސްޓުގެ 31 ޕަސެންޓު ނިމި ވިލިމާލެއާ ގުޅުވާލުމުގެ މަސައްކަތް ފެށި އޭގެ 20 ސެގްމެންޓު މިހާރު ގުޅުވިފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ކޮންޓްރެކްޓަރަށް ގޮންޖެހުންތައް ހުރި ނަމަވެސް އެކަމާ ގުޅިގެން ލަސްތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ސްޕީޑު އަވަސް ކުރެވިގެންދާނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޝެޑިއުލްގައިވާ ގޮތުން މާލެއިން ވިލިމާލެއަށް 30 ސެޕްޓެމްބަރު 2026ގެ ނިޔަލަށް އަދި ވިލިމާލެއިން ގުޅިފަޅަށް އެ އަހަރުގެ ސެޕްޓެމްބަރަށް ނިންމާލެވޭނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ރައީސް ޑރ. މުހއްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.

ތިލަމާލ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީހު ފަސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!