ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ރިޒާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މެންބަރަކަށް މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Ads by Hajj Corporation

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ހުސައިން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކްއެވެ. އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް 83 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޖޭއެސްސީއަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ނަމެއް ހުށަހަޅާފައިނުވެ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނަވައެވެ. މީގެ އިތުރުން މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ބަންޑާރަ ނައިބާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި އިންނަވާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!