ޚަބަރު އިޖުތިމާޢީ

ދިޔަނެރު ފަރަށް އެރި ޓަގުބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ދިޔަނެރު ފަޅު ހިއްކުމުގެ ތެރެއިން

ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއްގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން އެ އުޅަނދުގެ ވެރިފަރާތް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

Ads by Sosun Fihaara

ޓަގު އޭއެމް އެޑްވޭ އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ދިޔަނަރު ފަރަށް އެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ އުޅަނދު ފަރުމަތިން ނެގީ އޭގެ އަނެއް ދުވަހު އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސަރުކާރުގެ ގެޒެޓްގައި އާއްމުކުރި އިއުލާނެއްގައި ބުނީ އެ ޓަގުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

އެ ސާވޭއާ ހަވާލާދީ އީޕީއޭއިން ބުނީ، ފަރަށް އެރި ސަރަހައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަހައްދަށް 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް، ބާޖު އެރި ސަރަޙައްދަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އަދި ގަވާއިދުގެ ދަށުން އެ ޓަގު ބޯޓަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދަކީ 20,246,600/ރ ކަމަށް އެ އުޅަނދުގެ ވެރިފަރާތް، ދި މިޑްލް އީސްޓް މެރިން އެލްއެލްސީ އަށް އަންގާފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!