އެންމެ އާދައިގެ މީހާއިން ފެށިގެން މުއްސަނދިންނަށް ރައީސްގެ އިލްތިމާސް: "ވީ ވަރަކުން ފަލަސްތީނަށް އެހީވެދީ"

އެމީހަކަށް ވީ ވަރަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ޓެލެތޯންގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ވަކާލާތުކޮށް އެ މީހުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި ޓެލެތޯނެއް ރައީސްގެ ދެކަނބަލުން ވަނީ މިއަދު ފައްޓަވާދެއްވާފަ އެވެ. ޕީއެސްއެމް އިން އިންތިޒާމްކުރާ މި ޓެލެތޯން މިރޭ 12 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ޓެލެތޯންގައި ބައިވެރިވެވަޑަައިގެން ރައީސްގެ ވާހަކަފުޅު ފެއްޓެވީ، އެ ޓެލެތޯންގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ މަސައްކަތް އެހެން ފަންތިއަކަށް ގެންދަން ޖެހޭ ކަމަށެވެ.
"މިހާރު ދުނިޔޭގައި މީގެކުރިން ފަލަސްތީނާ އެއްކޮޅަށް ވާހަކަނުދައްކާ ތިބި ފަރާތްތަކުން ވެސް ފާޅުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތެދުވެ މަސައްކަތް ކުރާތަން ފެނޭ. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެންގެ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް މިއަދު ގެންދަން ޖެހޭ." ރައީސް ވިދާޅުވި އެވެ.

"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯން ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވުން (ފޮޓޯ/ ރައީސް އޮފީސް)
ރައީސް ވިދާޅުވީ ކުރިމަތިވެގެން އުޅެނީ "ދެ ގައުމެއްގެ ތެރޭ ޖެހިގެން އުޅޭ މައްސަލައެއް" ނޫން ކަމަށެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނުން ރައީސް ސިފަ ކުރެއްވީ "މުޅި އިސްލާމީ އުއްމަތައް" ކުރިމަތިވެފައިވާ ކަމެއްގެ ގޮތުގަ އެވެ.
"އެންމެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމުގައި ވޭން އަޅާނެކަން މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އިސްލާމްދީނުގައި ދަސްކޮށްދީފަ އޮންނަނީ. އެއީ މުސްލިމް އުއްމަތުގެ ސިފައަކީ." އެހެންވީމަ މިކީއެއް ފަލަސްތީނާ އިޒްރޭލާ ދެމެދު އޮތް މައްސަލައެއް ކަމަށް ބަލާ އަޅުގަނޑުމެން ލޯ މަރާލައިގެން ތިބެގެން ނުވާނެ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ ލިބޭ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް ކުރިމަތިވެފައިވާ އިމްތިހާނެއް ކަމަށެވެ. މިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ މި ޓެލެތޯންގައި ބައިވެރިވުމަށެވެ.
"އެހެންވީމާ މުއްސަނދިން، ވިޔަފާރިވެރިން ވެސް އަދި އެންމެ އާދައިގެ މީހާ ވެސް މިއަދު އެ ފަރާތަކަށް ކޮށްދެވެން އޮތް އެހީއެއް ކޮށްދިނުމަކީ އަޅުގަނޑު އެދޭ ގޮތެއް" ރައީސް ވިދާޅުވި އެވެ.