ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި
ރައިސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ދީފައިވާ ބާރުގެ ދަށުން އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ، އެ މައުުލޫމާތު މަޖިލީހާއި ހިއްސާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި އެސްއޯއީތަކުގެ މުވައްޒަފުންގެ މުސާރަ ހާމަކުރުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މި މައްސަލައާ މެދު ބަހުސްކުރުމަށް ނެގުނު ވޯޓުގައި މަޖިލީހުން ނިންމީ އެ މައްސަލަ ތަޅުމުން ބޭރުކޮށްލުމަށެވެ. އެގޮތަށް 56 މެމްބަރުން ވޯޓު ދެއްވި އެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވަނީ، ރައީސްގެ މަގާމުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގާނޫނު އަސާސީން ދީފައިވާ އިހުތިޔާރުގެ ބޭނުންހިފައިގެން ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އަދި އެއްވެސް ހައްދެއްނެތި ސިޔާސީ މަގާމުތަކަށް ވެސް މީހުން އައްޔަނުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަދި ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ވަޒީފާތަކަށް ވައްދާފައިވާތީ، މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަން ޖެހޭ އަދަދު ބޮޑުވެ، އެ ކުުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ:
- މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ބަޔަކު ހުށަހެޅުމުން ވެސް އެ އަދަދު ހާމަކުރުމަށް ސަރުކާރުން އިންކާރުކުރި؛ އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރަސް އެޅުން
- އެ މައުލޫމާތު ހާމަނުކުރުމަކީ ގާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމަށް މަތިކޮށްފައިވާ މަޖިލީހުގެ ވާޖިބަށް ވެސް އެޅޭ ހުރަހެއް
".. ސިޔާސީީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށާއި އަދި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދޫކޮށްދިނުން ސަރުކާރަށް ލާޒިމުުކުރުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ." މީކާއިލް ވިދާޅުވި އެވެ.