އަމީރު ހައްޔަރުކުރަން މަޖިލީހުގައި ގޮވާލައިފި
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަކީ ގައުމަށް ގައްދާރުވި މީހެއް ކަމަށް ބަލައިގެން ހައްޔަރު ކުރުމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.
ސަލީމް މިގޮތަށް ގޮވާލެއްވީ، ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސްގަ އެވެ.
ސަލީމްގެ ވާހަކަ ގައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ ބިލު ސިފަކުރެއްވީ "ސަރުކާރަށް ޖެއްސުން ކުރަން" ހުށަހެޅި ބިލެއްގެ ގޮތުގަ އެވެ. އެގޮތަށް އޭނާ ސިފަކުރައްވަނީ ސަލީމް ވިދާޅުވި ގޮތުގައި، ދެން ވެރިކަމަށް މިހާރުގެ އިދިކޮޅުން އައިސްފިނަމަ އެ ބިިލަށް އަމަލުނުކުރާނެތީ އެވެ. އޭނާ ވިދާޅުވީ މި ބިލަށް އަމަލުކުރާނީ ހަމައެކަނި މި ސަރުކާރުން ކަމަށެވެ.
"އެއަށް އަމަލުކުރަން މިޖެހެނީ ހަމައެކަނި މި ސަރުކާރުން. މި ސަރުކާރުން ހުށަހަޅައިގެން މި ސަރުކާރުން ކަންތައް ކުރުމަށްޓަކައި ހަގީގަތުގައި އަނެއް ގޮތަށް ދަންނަވާނަމަ، މި ސަރުކާރަށް ޖެއްސުން ކުރަން ހުށަހެޅޭ ބިލެއް މިއީ. ރަނގަޅަށް ބުނާ ކަމަށް ވަންޏާ. އެއީ ދެން އަންނާނެ ސަރުކާރުން ހަދާނެ އެއްޗަކީ މި ހުރިހާ އެއްޗެއް ސަސްޕެންޑުކޮށްލާފަ ބަހައްޓާފަ ހިތަށް އެރިގޮތަކަށް މި ބިލު ބާތިލުކޮށްލާފަ ހަރަދުކުރަން ފަށާނެ." މާލިއްޔަތު ކޮމިޓީގައި ހުންނަވާ ސަލީމް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ، މި ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ހަގީގަތުގައި މިއަށްވުރެ ގާނޫނުތައް ވަރުގަދަކުރަންޖެހޭ."
މިކަން ފާހަގަކުރައްވަމުން އޭނާ ހުށަހެޅުއްވީ، ގާނޫނު އިސްލާހުކުރުމުގެ ބަދަލުގައި ސީދާ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
މިދިޔަ ދައުރުގައި ވެސް މާލިއްޔަތު ކޮމިޓީގެ މެމްބަރަކަށް ހުންނެވި ސަލީމް ވިދާޅުވީ، މިދިޔަ ސަރުކާރުން ދަރަނި ނަގަމުންދިޔައިރު އެގޮތަށް ކަންތައްތައް ނުކުރެއްވުމަށް އޭރުގެ މާލީ ވަޒީރު އަމީރުގެ ކިބައިން އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް މެމްބަރުގެ އެ "އާދޭސް"ތަކަށް މިނިސްޓަރު ދެއްވީ ބީރު ކަންފަތެކެވެ.
ގައުމުގެ މާލީ ހާލަތު ދަށްވުމުގެ ޒިންމާ ނަގަންޖެހޭނީ ސަލީމް ގަބޫލުކުރައްވާ ގޮތުގައި އަމީރެވެ. އެހެންވެ އޭނާއަކީ "ގައުމަށް ގައްދާރުވި" މީހެއްގެ ގޮތުގައި ދައުވާކޮށް، ހައްޔަރުކުރުމަށް ގޮވާލި އެވެ.
"އެހެންވީމަ މިއީ ގައުމަށް ގައްދާރުވި މީހެއް. ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި މީނާ އެބަޖެހޭ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން." ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެކަން ނުކޮށްފިނަމަ ދެން އަންނަ މާލީ ވަޒީރުން ވެސް ކަންކުރާނީ އަމީރު ކަން ކުރެއްވި ގޮތަކަށް ކަމަށެވެ.
މި ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާ ހީނަރުވަމުންދާކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީން ދަނީ ފާޅުކުރަމުން ނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ, ރާއްޖޭގެ މާލީ ހާލަތު މިއަދު އޮތް ހާލަތަށް ވައްޓާލީ އެމްޑީޕީން ކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއީ މި ސަރުކާރުގެ ސަރުކާރުގެ މިސްޓޭކް ތަކާއި އަދި މިދިޔަ 7 މަސްދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާ މާލީ ކަންކަން މެނޭޖް ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފަ އޮތް ހާލަތު ފޮރުވުމަށް އޮޅުވާލުމަށް ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.