އިދިކޮޅުން މިއަދު ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލައިފި
އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދުވެސް ބޭރުކޮށްލައިފި އެވެ.
އެގޮތުން، މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް، އާދައިގެ މަގާމު ތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަމުން ނެވެ.
އެ މައްސަލަ ބޭރުކޮށްލީ ޖަލްސާއަށް ވަޑައިގެެން ތިއްބެވި 57 މެމްބަރުންގެ ވޯޓާ އެކުއެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުން ނެވެ.
މައުރޫފް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު އެ އަދަދު ގާތްގަނޑަކަށް 2000 އަށް ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން މިހާރު ބުނަމުންދާ ކަމަށެވެ. އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒު، ސިޔާސީ މަގާމުތައް ވަކި އަދަދެއްގައި 700 އަށްވުރެ ގިނަ ނުވާނެކަމަށް ވެވަޑައިގެންނެވި ވައުދާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
"ރައިސުލްޖުމްހުރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ ގައި ރައިސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަކަށް ވީ ހިނދު މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ އަދި އެމަނިކުފާނުގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ހައްދެއްނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރައާއި އެކު މުވައްޒަފުން އައްޔަނުކޮށް ސަރުކާރުގެ އިދާރާތަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ކަމުގައި ދަންނަވަން." މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި އެގޮތަށް ބޮޑެތި މަގާމުތަކަށް މީހުން އިތުރުކުރި ނަމަވެސް ސަރުކާރުން ގެންދަނީ އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުން މަގާމުން ވަކިކުރަމުން ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ސަރުކާރުން ހާމަނުކުރާކަން ވެސް އެ ކުއްލި މައްސަލައިގައި ފާހަގަކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ގެންދަނީ މިފަހަކަށް އައިސް ކޮންމެ ޖަލްސާއަކަށް ހެން ކުއްލި މައްސަލަ ހުށަހަޅަމުން ނެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށް ކަމަށްވާތީ އިދިކޮޅުގެ މައްސަލަ ކޮންމެ ފަހަރަކުވެސް ބޭރުކޮށްލަނީ އެވެ. އިއްޔެ ސަރުކާާރަށް ނިސްބަތްވާ މެމްބަރުން ވަނީ އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަނީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ކަމަށާއި، އެފަދަ މައްސަލަތައް ވަކި އަދަދެއްގެ މެމްބަރުންގެ ތާއީދާއެކު ނޫނީ ހުށަނޭޅޭ ގޮތަށް ހެދުމަށް ގޮވާލައްވާފަ އެވެ.