ހުޅުމާލެ ބިމެއް ނުހައްގުން ދިން ވާހަކަ ދޮގުކޮށްފި
އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާޅޭގައި ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްގުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.
އިސްލާމީ ތައުލީމު ދިނުމަށް ހުޅުމާލޭގައި ސްކޫލެއް ތަރައްގީ ކުރުމަށް މަދީނާ އިންވެސްޓުމެންޓާއި ހަވާލު ކުރީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގަ އެވެ. މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީ ކުރަން ވަނީ ހިމަނައިފަ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޑރ. ޝަހީމްގެ އާއިލީ ކުންފުންޏަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އަޑު ފަތުރަމުންނެވެ. އަދި މިއީ އޮޅުވާލައިގެން ނުފޫޒުގެ ބޭނުން ކޮށްގެން ހޯދި މަޝްރޫއެއްކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ.
އެހެންނަމަވެސް މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ސްކޫލް އަޅާ ބިމަކީ އޮންނަ އުސޫލުން ހުރިހާ އިޖްރާއާތުތައް ފުރިހަމަކޮށް ކުރީގެ ސަރުކާރުން އެވޯޑު ކުރި މަޝްރޫއެއް ކަމަށެވެ.
އަދި ސަރުކާރު ބަދަލުވުމަށްފަހު އެގްރީމެންޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި ބިމަކީ ކުލި ދައްކާގޮތައް އޮތް ބިމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ބިމުގެ އަރިމަތީގައި ބިނާކުރާ މިސްކިތަކީ ދެ ހާހެއްހާ މީހުންނަށް ނަމާދު ކުރެވޭ ގޮތައް ލައިބްރަރީއަކާއެކު ދެ ބުރިއަށް އަޅާ މިސްކިތެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"ނުހައްގުން ބިމެއް ހޯދިކަމަށް ބުނެ އަޅުގަނޑާ ގުޅުވައިގެން ދޮގުވާހަކަތައް ނުފެތުރުމަށް އެދެން. ތެދު ހަގީގަތުގެ މައްޗަށް ވާހަކަ ދެއްކުމަށް އެދެން." ވަޒީރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޫލުގެ މަސައްކަތް ނިންމައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އާއި ހަމައަށް ކިޔަވައިދޭން ފަށާނެ އެވެ. މީގެ އިތުރުން މަތީ ތައުލީމު ފޯރުކޮށްދޭން އިންތިޒާމުތައްވެސް ސްކޫލުގައި ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.