މެންބަރުން ހުވާކުރާތާ 3 މަސްތެރޭ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރައްވާތާ ތިން މަސް ދުވަހުގެ ތެރޭގައި މާލީ ބަޔަން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އާއްމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ފޮނުއްވާފައިވާ ލަފާ އިއްވަވާފަ އެވެ. ފިލްޒާ ލަފާ ދެއްވީ އަލަށް އެކުލަވާލާ މަޖިލީހެއްގެ މެމްބަރު ހުވާ ކުރާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އަމީން އާއްމަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ވެސް ހުށަހެޅުއްވި އެވެ.
މިހާރު އަމަލުކުރަމުންދާ 19 ވަނަ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މެމްބަރުންނާއި އެމީހުންގެ އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ހިމެނޭ ގޮތަށް މާލީ ބަޔާން ހުށަހަޅަން ޖެހެނީ މެމްބަރުކަމުގެ ހުވާކުރައްވާތާ އެއް އަހަރު ފަހުން ނެވެ. ކޮންމެ މީހާލީ އަހަރެއްގެ އޮގަސްޓް 31 ގެ ކުރިން އަމީން އާއްމަށް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވެސް ފިލްޒާގެ ލަފައަށް ތާއީދުކުރެއްވި އެވެ. އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި މަގާމުގެ ހުވާ ކުރައްވާތާ 1 އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަން ޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
މަގާމުގެ ހުވާ ކުރުމަށްފަހު 90 ދުވަސްތެރޭގައި މާލީ ބަޔާން ހުށަހަޅަން ކައުންސެލާ ޖެނެރަލް ލަފާދެއްވި ގޮތަކީ އެންމެ ނަޒާހާތްތެރި ގޮތް ކަމަށް ގަބޫލުކުރައްވާތީ އޭނާ ހުށަހެޅުއްވީ އެގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށެވެ.
މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވީ ހަރަދުތައް ކުރި ގޮތުގެ ބަޔާނެއް އީސީއަށް މިހާރު ހުށަހަޅާފައިވާއިރު، މަގާމާ ހަވާލުވުމަށްފަހު 3 މަސް ދުވަސް ފަހުން އެހެން ބަޔާނެއް ހުށަހަޅައިގެން ވަކި ނަތީޖާއެއް ނުފެންނާނެ ކަމަށެވެ.
އެކަމަކު އޭނާއަށް ފަހު ވާހަކަ ދެއްކެވި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް ވިދާޅުވީ މިފަދަ އިސްލާހަކާ އެކު މެމްބަރުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރުވެސް އިތުރުވާނެ ކަމެއް ކަމަށެވެ. އިބްރާހީމް ދީދީގެ އެ ހުށަހެޅުއްވުމަށް އޭނާ ތާއީދު ކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރީ ކޮމިޓީ ބަައްދަލުވުމުގައި ބައިވެރިވެވަޑައިިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ މުޅި މަޖިލީހުން އެ އިސްލާހު ފާސްކުރުމަށް ނިންމުމުން ނެވެ.