ފައިސާ ކަނޑާފައި އެވަނީ ކުރިން ކޮށްފައިހުރި މުޢާމަލާތްތަކަށް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައެއް ކަސްޓަމަރުންގެ އެކައުންޓުން ކަނޑާފައިވަނީ ކަސްޓަމަރުން ކުރިން ކޮށްފައިހުރި މުޢާމަލާތްތަކުގެ ފައިސާ ކަމަށް އެބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ އެކައުންޓުތަކުން ކަނޑާފައި އެވަނީ ކުރިން އެފަރާތްތަކުން ކޮށްފައިވާ ފައިސާގެ މުޢާމަލާތްތައް ކަމަށާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އެމުޢާމަލާތަކަށް "ކްލިކް" ކޮށްލުމުން، މުޢާމަލާތް ކޮށްފައިވާ ތާރީޚު އެނގެން ހުންނާނެ ކަމަށެވެ.
ކަސްޓަމަރުންގެ އެކައުންޓުތަކުން މިފަދައިން ފައިސާ ކެނޑިގެން ދިޔުމުން ކުރިމަތިވި ކަންބޮޑުވުންތަކަށް ބީއެމްއެލް ގެ ފަރާތުން ވަނީ މާފަށް ވެސް އެދިފައެވެ.
"ގޮތް ނޭނގޭ އެއްވެސް ފައިސާގެ މުޢާމަލާތެއް ހިނގާފައިވާނަމަ، ކާޑް ޓްރާންސެކްޝަން ޑިސްޕިއުޓް ފޯމެއް ހުށަހަޅުއްވާ. އަަލުގަނޑުމެން އެއިރުން އެކަމުގައި އެހީތެރިވެދޭނަން" ބީއެމްއެލް ގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އެބޭންކުން ބުނެފައިވަނީ އެކައުންޓު ވެރިފައި ކުރުމަށް ކަމަށް ބުނެ ކަސްޓަމަރުންނަށް އީމެއިލް ލިބެމުންދާ ކަމުގެ ކަންބޮޑުވުން ތަކެއް ވެސް ބީއެމްއެލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ މެއިލް ތަކުގައި ހުންނަ ލިންކު ނުހުޅުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފަހަކަށް އައިސް ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން "ފޮރިން ޕާޗެސް" ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާތަކެއް ކެނޑެމުން އަންނަ ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ފަރާތްތަކުން ވަނީ މީސް މީޑިއާގައި ފާޅުކޮށްފައެވެ.