ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސަށް އިހުލާސްތެރި ބަޔަކު ނެތް: އެމްޑީޕީ ޕީޖީ ލީޑަރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެމަނިކުފާނަށް "އިހުލާސްތެރި، ރަނގަޅު" ބައެއް ނެތް ކަމަށް އިދިކޮޅު މައި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް  ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ނާޒިލް އެހެން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާ ދިނުމަށް ނިންމައި މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނެވެ.

ނާޒިލް ވިދާޅުވީ ގައުމުގެ ކަންކަމާ ގުޅިގެން ރައީސަށް އިހުލާސްތެރިކަމާއެކު ލަފާދޭނެ އެއްވެސް ބަޔަކު އެމަނިކުފާނުގެ އަރިހުގައި މިހާރަކު ނެތް ކަމަށެވެ. އަދި ރައީސް އެކަމާ މެދު ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ ހަމަ މެނޭޖްކުރަން ނޭނގެނީ. ނުކުރެވޭނެ މެނޭޖެއް. ރައީސަށް އިހުލާސްތެރިކަމާ އެކު އެކަން ކޮށްދެއްވާނެ ބޭފުޅުންނެއް މިހާރު ރައީސްގެ އަރިހުގައެއް ނެތް." ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ގަބޫލުކުރައްވާ ގޮތުގައި މިހާރު ސަރުކާރުގައި ތިބި "އިހުލާސްތެރި" ކަމެއް ނެތް މީހުން ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. އަދި އެމީހުން މަގާމުން ވަކިކުރުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

"ރައީސަށް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާ ކޮބައިކަން، ކޮން ބައެއްކަން މިކުރަނީ. އެހެންމަ ރައީސަށް އެބައޮތް އެ ފުރުސަތު ރައީސްގެ އަރިހުގައި މިހާރު އެ ތިއްބެވި ބޭފުޅުން ބަދަލުކޮށް ރައީސަށް އިހުލާސްތެރި ރަނގަޅު ބޭފުޅުން އެތަނަށް ގެނައުމުގެ ފުރުސަތު ރައީސަށް އެބައޮތް. އެކަން ރައީސް އޮފީހުގެ ތެރެއިން ކުރެވޭނީ ރައީސަށް." ނާޒިލް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!