ޚަބަރު ސަރުކާރު

ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކާ ރައީސް ސަލާންކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި އެވެ.

Ads by MWSC

އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކުރައްވާފައިވާ ހިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސް ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، އެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުތު ފުރިހަމަވާ ބޭފުޅުންނަށް ވެސް ޝަރަފްގެ ބެޖާއި އައްޑަނަ އެރުވުނު ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ. މިރޭގެ ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ވ. ތީރު, އަބްދުލްމުހްސިން ރާމިޒެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!